މިނިސްޓަރ މާރިޔާ ޔޫއޭއީއަށް ފުރައިވަޑައިގެންފި
އެކުވެރި ޢަރަބި އިމާރާތުގެ ނައިބް ރައީސް، ޝެއިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމްގެ ޙާއްސަ ދަޢުވަތަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ފުރާވަޑައިގެންފިއެވެ.
އެކަމަނާގެ މިދަތުރުފުޅުގައި މިމަހުގެ 16 އިން 21 އަށް އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ، އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅުގައި، މިމަހުގެ 16 ވަނަ ދުވަހު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޑިފެންސް ކޮންފަރެންސްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެއެވެ. އިންޓަނޭޝަނަލް ޑިފެންސް ކޮންފަރެންސްއަކީ 32 ޤައުމެއްގެ، އެކި ދާއިރާތަކުގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސެއްކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.
އޭގެ އިތުރުން، އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި، ދިފާޢީ ދާއިރާތަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ އެންމެ ފަހުގެ ވަޞީލަތްތަކާއި އާލާތްތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ. މިކޮންފަރެންސް އަދި އެގްޒިބިޝަންގެ ސަބަބުން އެހެން ޤައުމުތަކުގެ އަސްކަރިއްޔާތަކާއި، ދިފާޢީ ދާއިރާތަކުގެ އިސް ބޭފުޅުންނާއި ބައްދަލުވެ، ޚިޔާލުބަދަލުކުރެވި މަޝްވަރާކުރުމަށް ފުރުޞަތު ފަހިވެގެންދާނެކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ
މިނިސްޓަރގެ އެ ދަތުރުފުޅުގައި، ދިވެހި ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމަށްޓަކައި އެކަމަނާކުރައްވާ މަސައްކަތްޕުޅުގައި، އެކުވެރި ޢަރަބި އިމާރާތުގެ ފަރާތުން ދިވެހި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ގޮތްތަކާއި ދާއިރާތަށް ބެއްލެވުމަށްޓަކައި ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް