މަގުމަތީން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނެއް، ޖިންސީ އަނިޔާ ލިބިފައިވޭ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިއްޔެގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށާ ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި އެ މައުލޫމާތު ހޮސްޕިޓަލުން ފުލުހުންނާއި ހިއްސާކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށާ އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން ދަނީ ފޯރުކޮށްދެމުން ކަމަށްވެސް ބުންޏެވެ.
ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި، އެފަރާތްތައް އިތުރަށް ވިކްޓިމައިޒް ނުކުރުމަށާއި، އަނިޔާ ލިބުނު ފަރާތާއި އެ އާއިލާގެ އިހުސާސްތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އަދި އެފަރާތްތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް