އެސްއެމްއީ ބޭންކުން ލޯނު ދޫކުރަން ފަށަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެސްޑީއެފްސީ އުފެއްދި ފަހުން، ލޯނަށް އެދި މިހާތަނަށް 250 އަށް ވުރެ ގިނަ ފަރާތްތަކުން ފޯމް ހުށައަޅާފައިވާ ކަމަށެވެ.
އެގޮތުން 23 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް ހޫދު ވިދާޅުވިއެވެ.
އެ ކުންފުނީގެ ފުރަތަމަ އަހަރުގެ ތެރޭގައި 70 އާއި 100 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ލޯނު ދޫކުރުމަށް ވަނީ ރާވާފައެވެ.
އެސްއެމްއީ ބޭންކްގެ ހިދުމަތްތަައް ދޭނީ ހ. ސަކީނާމަންޒިލްގެ 3 ވަނަ ފަންގިފިލާއިން ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ހިންގާ މި ބޭންކަކީ އިގްތިސޯދު ކުރިއެރުވުމަށް ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ފަސޭހަކަމާއިއެކު ލޯން ލިބުމަށް މަގުފަހިވެގެންދާނެ ބޭންކެއްކަމަށް މިނިސްޓްރީން ބުނެއެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގައި ކޮންމެ ސިޓީ ކައުންސިލަކަށް %5 ހިއްސާ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް