އިރުއިރުކޮޅާ ޝާހިދު އެމެރިކާއަށް ވަޑައިގެން މިކުރައްވާ ކަންތައްތަކުގެ އަޑީގައިވަނީ ކޮންކަމެއްބާ؟
ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކާމިޔާބު ދަތުރުފުޅުތަކެއް އެމެރިކާއަށް ކުރައްވަމުންގެންދަވާތަން އަޅުގަނޑުމެންނަށް މިދަނީ ފެންނަމުންނެވެ. ވޮޝިންޓަނަށް ވަޑައިގަތުމަށް އެމެރިކާގެ ޚާރިޖީވަޒީރެއްގެ ދައުވަތު ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރަކަށް ލިބުމަކީ ރާއްޖޭގެ ޚާރިޖިއްޔާގެ ތާޜީޚްގައި އަދި ހިގާފައިވާ ކަމެއްނޫނެވެ. އެފަޚްރު ލިބިވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ އަބްދުﷲ ޝާހިދެވެ. އޭނާއަކީ ރައީސް މައުމޫންގެ ވެރިކަމުގައިވެސް ޚާރިޖީ ވަޒިރުކަން ކުރައްވާފައިވާ އަދި ޚާރިޖިއްޔާގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކުޅަދާނަ ޑިޕްލޮމެޓެކެވެ.
މިފަހަކަށްއައިސް އެމެރިކާގެ ސަމާލުކަން ވަރަށް މަތީދަރަޖައަކަށް ދެވިފައިވާތަނަކަށް ރާއްޖެވެފައިވާކަން ކަށަވަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ފެށިގެން އެންމެ ތިން މަސްދުވަހުގެތެރޭގައި، އަދި ވޭތުވެދިޔަ މަސްދުވަހުގެތެރޭގައި ސްޓޭޓް ޑިޕާޓްމަންޓްގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވަން މިއީ ޝާހިދު ކުރެއްވި ދެވަނަ ދަތުރުފުޅެވެ. އަދި އެމެރިކާގެ ވަފްދުތައްވެސް ރާއްޖެއައިސް ސަރުކާރުގެ ވެރިންނާ ބައްދަލުވުންތައް ބާއްވާފައިވެއެވެ. އެމެރިކާގެ ވަފްދުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ރައީސް ސޯލިހް ހުވައިކުރެއްވުމަށްފަހު ޖެހިގެން އައި ބަންދު ދުވަހުގައި ފިނޭންސް މިނިސްޓްރީ ގައެވެ.
އެއަށްފަހު ދެން ރާއްޖޭގައި ބޭއްވި ޚާއްސަބައްދަލުވުމަކީ ދެގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން އުފެއްދުމާއިބެހޭގޮތުން މަޝްވަރާކުރި ބައްދަލުވުމެކެވެ. އެއަށްފަހު ނިމިދިޔަ ޖެނުއަރީމަހުގެ ފަހުކޮޅުގައި އެމެރިކާއަށް ވަޑައިގެން އެގައުމުގެ ގައުމީ ސަލާމަތާއިބެހޭ ކައުންސިލްއާއި އަދި ސްޓޭޓް ޑިޕާޓްމަންޓްގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އޭގެފަހުން މިހާރު މިދިޔަ ހަފްތާތެރޭގައި އަނެއްކާ އެމެރިކާގެ ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯ ދައުވަތުދެއްވައިގެން ރަސްމީ ދަތުރުފުޅެއްކުރައްވައި ވޮޝިންޓަނަށް ވަޑައިގެން ސްޓޭޓް ޑިޕާޓްމަންޓްގެ އެންމެ އިސްވެރިންނާ ޝާހިދު މިވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލުވުމުގައި އެމެރިކާއާއި ރާއްޖޭގެ ޕާޓްނަރޝިޕް ގުޅުމަކާއި ދެގައުމުގުޅިގެން އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭގޮތުން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ. ޕޮމްޕެއޯ އަރިހުގައި އެމެރިކާއަކީ ދިވެހި ރާއްޖެއަށް ހަގީގީރަހުމަތްތެރިއެއް ކަމުގައި ވިދާޅުވިކަމަށް ޝާހިދު ޓްވީޓްކުރައްވާފައިވެއެވެ. އަދި އެބައްދަލުވުމުގެ މުހިއްމުކަން ހާމަކުރުމަށްޓަކައި ސްޓޭޓް ޑިޕާޓްމަންޓުން ދެމިނިސްޓަރުންގެ ބައްދަލުވުމުގެ ވީޑިއޯ ކްލިޕެއް މީޑިއާއަށް ހާމަކުރައްވާފައިވެއެވެ. ދިވެހި ރާއްޖޭގައި ކައުންޓަރޓެރަރިޒަމާއި އޭވިއޭޝަން ސެކިއުރިޓީއާގުޅޭ އެއްބެސްވުމެއްގައިވެސް ސޮއިކޮށްފައިވެއެވެ.
އޭގެފަހުން އެމެރިކާގެ ތިންކް ޓޭންކް ޖަމްއިއްޔާއެއްކަމަށްވާ އެޓްލާންޓިކް ކައުންސިލްގައިވެސް އިންޑިޔާކަނޑުގެ ހަމަޖެހުމާއިގުޅޭގޮތުން ޝާހިދު ވާހަކަފުޅު ދައްކަވާފައިވެއެވެ. މިފަހަރުގެ ދަތުރުފުޅުގެތެރޭގައި އެމެރިކާގެ 9 މިލިޔަންޑޮލަރުގެ އެހީއެއް ރާއްޖެއަށް ހޯދައިދޭން މަސައްކަތްޕުޅު ކުރައްވާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވެއެވެ.
މިއީ ޝާހިދު ދައްކަވާފައިވާ ވާހަކަތަކެއްގެ ނަތީޖާކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ބޮޑަށް ބެލެވެނީ މިއެހީއަކީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށްވުރެ ބޮޑަށް އެމެރިކާއިން ހިންގާ ހަރަކާތްތަކުގައި ދިވެހި ރާއްޖެއިން ހޭދަކުރުމަށް ދޭނެ އެހީއެކެވެ.
ކޮންމެއަކަސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޜާއްޖޭގެ ވެރިކަމާއި ހަވާލުވެ ރާއްޖެއިން އަސްކަރީ ގުޅުން ގާއިމުކުރާނީ ހަމައެކަނި އިންޑިޔާއާއިކަމަށް ސަރުކާރުން އިއުލާންކޮށްފައިވަނިކޮށް ޚާރިޖީ ވަޒީރު އެމެރިކާއަށް ވަޑައިގެން އެގައުމުގެ ގައުމީ ސަލާމަތާއި ބެހޭ ކައުންސިލާއި ބައްދަލުކުރައްވައި އެމެރިކާއާއި ގުޅިގެން އިންޑިޔާކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަޝްވަރާތައް ކުރައްވަމުންދާތީ މިހިގާންއުޅޭކަމެއްގެ ހަގީގަތެއް އަދި ސާފެއް ނުވެއެވެ.
ކިތަންމެ ޑިޕްލޮމެޓިކް ރިވެތި ބަސްތަކެއް ބޭނުންކުރެއްވިނަމަވެސް ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ދިވެހި ސަރުކާރު ލައްވައި ސޯފާ އެއްބަސްވުމެއްގައި ސޮއިކުރަން އެމެރިކާ ސަރުކާރުން ވަރަށް މަތީ ދަރަޖައަކަށް ފިއްތާފައިވާކަން އެގެއެވެ.
މިއީ ދިވެހި ރާއްޖޭގެ މިނިވަންކަމަށް ވަރަށް ބޮޑަށް ބުރޫއަރާފާނެފަދަ ގޮތަކަށް އެމެރިކާ ސިފައިން ރާއްޖޭގައި ތިބޭއިރު ދިވެހި ރާއްޖޭގެ ގާނޫންތައް އެމީހުންގެ މައްޗަށް ނުހިނގާނެފަދަ ގޮތަކަށް ފަރުމާކުރެވިގެން އެކުލަވައިލެވިފައިވާ ވަރުގަދަ އެއްބަސްވުމެކެވެ.
އެއެއްބަސްވުމުގައި ސޮއިކުރައްވަން ރައީސް ވަހީދު ފާޅުގައި އިންކާރު ކުރެއްވިއެވެ. އެއަށްފަހު ދެން ވެރިކަމަށް ވަޑައިގެންނެވި އަބްދުﷲ ޔާމީންވެސް ބޭރު ގައުމަކާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރައްވަން އިންކާރުކުރައްވާފައިވެއެވެ.
ކަންކަން ހިގަމުންމިދަނީ އަދި ސިއްރުން
ރައީސް ސާލިހް ވެރިކަމަށް ވަޑައިގެން މިހިނގާކަންތައްތަކުން ހިތަށްވެރިވެގެންދަނީ ދެވަނަ ބޮޑުހަނގުރާމައިގެތެރޭގައި އިގިރޭސިން ދިވެހި ރާއްޖޭގެ ޚާރިޖީކަންކަން ކޮންޓްރޯލްކޮށް އެކި ސިފަސިފައިންގައި ރާއްޖޭގެ އުތުރާއި ދެކުނުގައި އިގިރޭސި ސިފައިން ބައިތިއްބައިގެން ދިވެހި ރާއްޖޭގެ މައްޗަށް ބާރު ހިންގައިގެން ތިބި ގޮތެވެ.
އެއަށް އަޅުވެތިކުރުމޭ އަޅުގަނޑުމެން ނުކިޔަމެވެ. އެންމެފަހުން ދެކުނުގައި ދިވެހި ދައުލަތާއިދެކޮޅަށް އިގިރޭސިން އަޑީގައިތިބެގެން ބަޣާވާތްކޮށް ދިވެހި ރާއްޖެ ބައިބައިކޮށް ދެކުނުގައި ވަކިދައުލަތެއް އިއުލާންކުރިއެވެ. އިހަށްދުވަހު އެފްރިކާގެ ގައުމެއްކަމަށްވާ ސޫދާނުގެ ދެކުނުގައިވެސް އެމެރިކާ އަޑީގައި އޮވެގެން އެސަރަހައްދުގެ މީހުންނަށް އެހީތެރިވެދީގެން އެއޮތީ ދެކުނު ސޫދާންގެ ނަމުގައި ވަކި ދައުލަތެއް އުފައްދާފައެވެ.
އެމެރިކާގެ ލޯ ދިވެހި ރާއްޖެއަށް ކުއްލިއަކަށް އަމާޒުވެގެން މިއުޅެނީ ޗައިނާ ހިންދެމިލައި ދުނިޔޭގެ މުއްސަނދިކަމާއި ބާރުތައް އޭޝިޔާއަށް ނަގުލުވަމުންދާތީކަން އެއީ ޝައްކެއް ވަސްވާހެއްވެސް އޮތްކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ސަރުކާރުން އިންޑިޔާއާއެކު އަސްކަރީ ގުޅުމެއް އުފައްދާފައި އެމެރިކާއާއެކު މިއުފައްދަނީ ކޮންގުޅުމެއްކަމެއްކަން ބުނަން އަދި ފަސޭހައެއް ނޫނެވެ. ޓްރާންސްޕޭރަންސީގެ ބަސް ގިނަގިނައިން ބޭނުންކުރިޔަސް ކަންކަންދަނީ އެއަށްވުރެ ސިއްރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް