އަލިފާނުގައި ހާލުގައި ޖެހުނު ފަރާތަކަށް ސަރުކާރުން ބޯހިޔާވަހިކަން ނުދޭ މައްސަލައެއް ފެންމަތިވެއްޖެ!
ރޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތަކަށް އެހީތެރިކަން ނުދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ވޮއިސްއަށް މައުލޫމާތުދިން ފަރާތަކުން ބުނީ އޭނާއަކީ އެ އަލިފާންގަނޑު ރޯވި ގުދަން ހުންނަ އިމާރާތާއި ޖެހިގެން ހުންނަ އިމާރާތުގައި އުޅޭ ފަރާތެއްކަމަށެވެ. އަދި މި ހާދިސާ ހިނގުމުން އޭނާގެ ތުއްތު ދަރިފުޅާއި އާއިލާ ގޮވައިގެން ވަގުތުން ގެ ދޫކޮށް ނިކުތްކަމަށެވެ.
އޭނާ ބުނީ ރޭގެ ހާލަތު ހުރިގޮތުން ނިދަން ވަންނާނެ ތަނެއް ނެތުމުން އަމިއްލަ ޚަރަދުގައި ގެސްޓްހައުސްއަކުން ކޮޓަރިއެއް ހިފިކަމަށެވެ. އެގޮތަށް ހެދީ އިވަކުއޭޝަން ސެންޓަރުގައި ރެޖިސްޓަރ ވެފައި ކަމަށާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ފްލެޓްތަކަކުންނާއި ގެސްޓްހައުސްތަކަކުން މީހުންނަށް ވަގުތީ ހިޔާ ހަމަަޖައްސައިދޭނެކަމަށްވެސް ބުނުމުންކަމަށެވެ.
ނަމަވެސް މިރޭ އެ ލިސްޓް ބެލުމަށްފަހު ނަން ނެތުމުން އެންޑީއެމްއޭއަަށް ގުޅުމުން އެމީހާގެ އާއިލާއަށް ސަރުކާރުގެ ފަރާތުން ވަގުތީ ހިޔާ ފޯރުކޮށްދެވޭނީ މާދަމާ ހެނދުނުކަމަށް ބުނިކަމަށް އޭނާ ވަނީ ވޮއިސްއަށް މައުލޫމާތުދީފައެވެ.
https://www.facebook.com/100000004050760/videos/2744776438865798/
ޑިޒާސްޓާރ މެނޭޖްމަންޓްއަށް މިއަދު ބޯހިޔާވަހިކަމަށް ފްލެޓް ދޫކުރާތީ ދިޔުމުން އެ އޮތޯރިޓީން މިއަދު ގުޅާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ރޭ ވެސް ގުޅާފައި ނުވުމުން ޑިޒާސްޓާއަށް ދިޔުމުން ވަނީ ދެން ހިޔާވަހިކަމުގެ މަސައްކަތް ކުރެވޭނީ މާދަމާ 9 ގެ ފަހުންކަމަށް ބުނެފައެވެ. އަދި ލިސްޓުގައި ނަން ނެތްކަމަށް ވެސް ބުނެފައިވެއެވެ.
މިމައްސަލަގައި މަގުމަތިވެފައިވާ ފަރާތުން ޑިޒާސްޓަރ ގެ އިސްވެރިންނާ ބައްދަލުވާގޮތް ވަނީ ނުވެއެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަކީ މިފަދަ ހާދިސާތަކުގައި 24 ގަޑިއިރު ހިދުމަތް ދޭންޖެހޭތަންތަންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މާދަމާ އޮފީސް ހުޅުވެންދެން މަގުމަތިވެފައި ތިބެންވީތޯ ވަނީ ސުވާލު ކޮށްފައެވެ.
އޭނާ ބުނިގޮތުގައި އެ އަލިފާނުގެ ހާދިސާއާއި ގުޅިގެން އޭނާ ދިރިއުޅެމުންދިޔަ ގެޔަށް އަނބުރާ ދިއުމުގެ ފުރުސަތެއްވެސް ނެތެވެ. ސަބަބަކީ އެގޭގެ އެސެސްމަންޓެއް އެމްއެންޑީއެފުން ހަދާފައިވުމާއި މުޅި ގެއިން ކަރަންޓް ގޮސްފައިވުމެވެ.
ވޮއިސް އިން ޑިޒާސްޓަރ މެނޭޖްމަންޓްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުގައި އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް