އެމްއެންޔޫއާއި މެލްބަން ޔުނިވާސިޓީގެ ޓީޗާ އެޑިޔުކޭޝަން ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނާއި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން (ޔޫއޯއެމް) ގުޅިގެން ހިންގި ގްލޯބަލް މޮބިލިޓީ އެންޑް ވާކް އިންޓަގްރޭޓެޑް ލާނިން ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން ޔޫއޯއެމްގެ ދަރިވަރުންނަށް ރާއްޖޭގެ ތަޢުލީމީ ނިޒާމާ ގުޅޭ ތަޖުރިބާތަކެއް ހޯދުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. އެ ގޮތުން ކްލާސްރޫމް އޮބްޒަވޭޝަންތަކާއި ސްކޫލްތަކަށް ޒިޔާރަތްކުރުމުގެ އިތުރުން އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންނާ ބައްދަލުކޮށް މާލެއާއި ރަށްރަށުގައި ތަޢުލީމީ ސަގާފީ އަދި މުޖުތަމަޢީ ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. މި ތަޖުރިބާތަކުގެ ޒަރީޢާއިން ބައިވެރިންނަށް ރާއްޖޭގެ ތަޢުލީމީ މާޙައުލު ގާތުން ދެނެގަތުމުގެ ފުރުޞަތު ފަހިވެ ދެ ފަރާތުގެ ދެމެދުގައި ޢިލްމީ އަދި ޘަޤާފީ ގޮތުން ދެނެގަތުން އިތުރުވެފައިވެއެވެ.
ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑެވިޑް ޖެސެޕެވެ. އެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް "މެތަމެޓިކަލް ތިންކިން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވިއެވެ. އެ ޕްރެޒެންޓޭޝަނުގައި ދިވެހިރާއްޖޭގެ މާޙައުލުގައި ހިސާބު ތަޢުލީމާއި ހިސާބީ ވިސްނުން ކުރިއެރުވުމާ ގުޅޭ ނަޒަރިއްޔާތަކަށް އަލިއަޅުއްވައިލެއްވިއެވެ.
މީގެ އިތުރުން ބައިވެރިވި ދަރިވަރުން ކެޕްސްޓޯން ޕްރެޒެންޓޭޝަންތައް ހުށަހަޅައި ޕްރޮގްރާމުގެ ތެރެއިން ލިބުނު ތަޖުރިބާތަކާއި ފާހަގަކުރެވުނު ކަންކަން ޙިއްޞާކޮށްފައިވެއެވެ. އެ ހުށަހެޅުންތަކުން ޢަމަލީ ތަޖުރިބާގެ ތެރެއިން ލިބޭ ތަޢުލީމުގެ ފައިދާއާއި ޘަޤާފީ ބައްދަލުވުންތަކާއި މުޖުތަމަޢީ ބައިވެރިވުމުގެ އަސަރު ހާމަވެގެންދިޔަ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.
މި ޕްރޮގްރާމަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ހަތަރު ވަނަ ލަނޑުދަނޑި (ފެންވަރު ރަނގަޅު ތަޢުލީމު) 10 ވަނަ ލަނޑުދަނޑި (ތަފާތުކުރުން ކުޑަކުރުން) އަދި 17 ވަނަ ލަނޑުދަނޑި (ބައިނަލްއަޤުވާމީ ގުޅުންތައް ވަރުގަދަކުރުން) ކުރިއެރުވުމަށް އެމްއެންޔޫއިން ކުރާ މަސައްކަތާ ގުޅިފައިވާ ޕްރޮގްރާމެއް ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ. މި ފަދަ އިސްނެގުންތައް ކުރިއަށް ގެންދިޔުމުގެ ތެރެއިން ދެ ޤައުމުގެ ތަޢުލީމީ ދާއިރާގެ ގުޅުން ބަދަހިކޮށް ކުރިމަގުގެ މުދައްރިސުން ތަމްރީނުކުރުމުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ތަޖުރިބާ ހޯދައިދިނުމަށް އެމްއެންޔޫއިން މަސައްކަތްކުރަމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް