އެމްޑީއެން ދީނަށް ފުރައްސާރަކުރުން: ފިޔަވަޅުއަޅައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހަށް!
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމިއްޔާއިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާ މައްސަލަ ބޮޑުވެ ޢަންމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް (އެމްޑީއެން) އަށް ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.
މިހާރުގެ ޕޮލިސް ކޮމިޝަނަރ ބޯޑް މެންބަރުކަން ކުރައްވާފައިވާ މި ޖަމިއްޔާއަކީ އިންސާނީ ހައްޤާއި ޑިމޮކްރަސީ ހިމާޔަތްކުރުމަށް ރާއްޖޭގައި ރަޖިސްޓްރީ ކުރެވި ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރީގެ މީޑިއާ އޮފިޝަލް އަފްރާހް ވިދާޅުވެފައިވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި، ރަސޫލާއަށް ފުރައްސާރަކޮށް ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު 13:46 ގައި ފުލުހަށް މައްސަލަ ހުށަަހަޅާފައިވާކަމަަށެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުން މިފަދަ ވަގުތުތަކުގައި ކެތްތެރިވެ ޖަޒްބާތުގައި ނުޖެހުމަށް ވެސް މިނިސްޓްރީން ވަނީ ގޮވާލައްވާފައެވެ.
އަފްރާހް އިތުރަށް ހާމަކުރެއްވިގޮތުގައި މީގެ ކުރިންވެސް ދީނީ މައްސަލަތައް މީޑީއާއަށް ހާމަނުކުރިކަމުގައި ވިޔަސް ފުލުހުންނަށް ހުށަހަޅާފައިވާނެކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ "ޚިޔާލީ ވާހަކައެއް"ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށް ވެސް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
މިއާއެކު އެމްޑީއެންގެ އިސްވެރިނަށް ގިނަ އަދަދެއްގެ ޢާންމުންނާއި، ދީނީ އިލްމުވެރިން އަދި ސިޔާސީ ފަރާތްތަކުން ފާޑުކިޔުން އަމާޒްވުމާއެކު ފުލުހުން ވަނީ އެމްޑީއެންގެ އިސްވެރިންގެ ފޮޓޯ ޢާންމު ކުރާ މައްސަލަ ބަލަމުން އަންކަމަށް ފުލުހުން ހާމަކުރައްވާފައެވެ. ނަމަވެސް އެމްޑީއެމްގެ ރިޕޯޓުގައި ހިމެނިފައިވާ ނަފުރަތު އުފެދޭ ވާހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިނުވާކަމަށް ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތުކޮށް ވެސް އެމްޑީއެންގެ ރިޕޯޓުގައި ލިޔެފައިވާއިރު އެކަމާއި ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
އެމްޑީއެންގެ ރިޕޯޓެއްގައި ދީނަށް ފުރައްސާރަކޮށް ލިޔެފައި ވީ ނަމަވެސް ދާދި ފަހުން ރައީސް އޮފީހަށް ކައުންޓާ ޓެރަރިޒަމް ކޮންސަލްޓަންޓެއްގެ ގޮތުގައި އެމްޑީއެންގެ ޗެއާޕާސަން ނޫޝިން ވަހީދު ވަނީ އައްޔަން ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް