މާސްކު ކުންފުނީގެ އުޅަނދެއް؛ ފޮޓޯ / ވިސިވައިސް
މާސްކު ކުންފުނީގެ އުޅަނދެއް؛ ފޮޓޯ / ވިސިވައިސް
ވިޔަފާރި 30 Sep 2026 | 13:36

މާސްކް ކުންފުނިން ރާއްޖެ ހިމެނޭ ރޫޓުގެ މުދާ އުފުލައިދޭ އަގު ކުޑަކުރުމަށް ނިންމައިފި

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ކުންފުންޔެއް ކަމަށްވާ މާސްކުން އިންޑިއާ ސަބްކޮންޓިނެންޓުން ހުޅަނގު އައްސޭރިފަށުގެ ލެޓިން އެމެރިކާއަށް ދަތުރުކުރާ ރޫޓުތަކުގެ އެމަޖެންސީ ކޮންޓިންޖެންސީ ސާޗާޖު (އީސީއެސް) 500 ޑޮލަރު ކުޑަކުރާނެ ކަމަށް އިޢުލާނުކޮށްފިއެވެ.

މި ބަދަލު ތިން ރޫޓަކަށް ހިނގާނެއެވެ. އެއީ އުތުރު ހުޅަނގު އިންޑިއާ އަދި ޕާކިސްތާނުން ހުޅަނގު އައްސޭރިފަށުގެ ދެކުނު އެމެރިކާ ކެރީބިއަން އަދި މެދުތެރޭ އެމެރިކާއަށް ދަތުރުކުރާ ރޫޓާއި ދެކުނު އަދި އިރުމަތީ އިންޑިއާއިން ހަމަ އެ މަންޒިލްތަކަށް ދަތުރުކުރާ ރޫޓާއި ބަންގްލަދޭޝް ސްރީ ލަންކާ އަދި ރާއްޖެ ހިމެނޭ ރޫޓެވެ.

ހުރިހާ ކޮންޓެއިނަރ ބާވަތަކުންވެސް 500 ޑޮލަރު އުނިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ބަންގްލަދޭޝް ސްރީ ލަންކާ އަދި ރާއްޖެ ހިމެނޭ ރޫޓުގެ އައު ރޭޓުތަކަށް ބަލާއިރު 20 ފޫޓުގެ ޑްރައި ކޮންޓެއިނަރަކަށް 2,350 ޑޮލަރު، 40 ފޫޓުގެ ޑްރައި ކޮންޓެއިނަރަކަށް 2,150 ޑޮލަރު، އަދި 40 ފޫޓުގެ ރީފާ ކޮންޓެއިނަރަކަށް 3,950 ޑޮލަރު ނެގޭނެއެވެ.

މި ރޭޓުތައް ހުރިހާ އޯއޯޖީ އެސްއޯސީ އަދި ނޯ ކޮންޓެއިނަރތަކަށްވެސް ހިނގާނެ ކަމަށް މާސްކުން ހާމަކޮށްފައިވެއެވެ.

އައު ރޭޓުތައް ތަންފީޒުވާނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން ކަމަށާއި ކަމާ ގުޅޭ ރެގިއުލޭޓަރީ ހުއްދަތައް ލިބުމުން މި ސާޗާޖު ކަސްޓަމަރުންގެ އިންވޮއިސްތަކުގައި ފެންނަން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މާސްކުން ވަނީ މިމަހު ކުރީކޮޅު ސްރީލަންކާ އާއި ރާއްޖެ ހިމެނޭ ސަރަހައްދަށް ޕީކް ސީޒަން ޗާޖު ބޮޑުކޮށްފައެވެ. އަދި އެ ބޮޑުކުރުން 15 ސެޕްޓެމްބަރުން ފެށިގެން ހިނގާނެ ކަމަށް އެ ކުންފުނިން ވަނީ އެއިރު އިއުލާންކޮށްފައެވެ.

މާސްކުން އެއިރު ކުރި އިއުލާނުގައި 20 ފުޓު ކޮންޓެއިނަރުތަކަށް 1،000 ޑޮލަރު ނަގަން ނިންމިއިރު، އެ ކުންފުނިން ވަނީ 40 އާއި 45 ފޫޓާއި ދެމެދު ޑްރައި ކޮންޓެއިނަރުތަކަށް 1،600 ޑޮލަރުގެ ސާޗާޖެއް ނަގަން ނިންމާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް