މާާލޭގެ ތަރައްގީ އެހެން ރަށްރަށަށް ލިބެންޖެހޭ: ރައީސް ސޯލިހު
މާލޭ ސަރަަހައްދަށް އައިސްފައިވާ ތަރައްގީ، ރާއްޖޭގެ އެހެނިހެން ރަށްރަށަށްވެސް ލިބެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާާ އިބްރާާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕާޓްނާރޝިޕް ފޯރަމް ހުޅުވުމަށް މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސްގައި އޮތް ރަސްމިއްޔާތުގައި ވާާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ލިބޭ ވަސީލަތްތަކާއި އެ ތަރައްގީ އެހެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންޖެހޭކަމަށެވެ. އަދި މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު އެންމެ އަސާސީ ކަންތަކަށްވެސް ރަށްރަށުގެ މީހުން ޖެހުނީ މާލެއަށް އަންނަންކަމަށް އެމަނިކުފާާނު ވިދާޅުވިއެވެ.
އެއާއެކު މާލެ އަށް އިޖުތިމާއީ ގިނަ މައްސަލަތަކެއް ދިމާާވިކަމަށް އެމަނިކުފާނު ފާާހަގަކުރެއްވިއެވެ. އެކަމުގެ ހައްލު ލިބެން އޮތީ ރާއްޖެ ހިންގުމުގެ ނިޒާމު ލާމަރުކަޒީ ކޮށްގެންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރަށްރަށް ތަރައްގީ ކުރުމަށް އިތުރަށް އަލި އަޅުވާލަމުން ރައީސް ވިދާޅުވީ އެ ތަރައްގީ އަންނާނީ އެ ތަންތަނުގެ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށާއި، މިހާރުވެސް ކައުންސިލްތަކާއެކު އެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
މިއަދާ މާދަމާ ކުރިޔަށްދާ މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ކެބިނެޓުގެ ވަޒީރުންވެސް މި މިފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިޔަށްގެންދާ ފޯރަމެކެވެ. މި ފޯރަމުގެ ތީމަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބުލް މޯލްޑިވްސް" އެވެ. މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދެވޭނެއެވެ. މި ސެޝަންތަކުގައި ރާއްޖެއިން އިޤްތިޞާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިޤްތިޞާދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމުގެ ބައިވެރިންނާއި ޙިއްޞާކުރެވޭނެއެވެ. މީގެ ތެރޭގައި ނޫ އިޤްތިޞާދުގެ ތަސައްވަރާއި ޖަޒީރާ ރާއްޖޭގެ ތަސައްވަރާއި ބެހޭ މަޢުލޫމާތު ފޯރަމުގެ ބައިވެރިންނާއި ޙިއްޞާކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް