މެޕްސް ކޮލެޖުން ބޮޑު ތަފާތަކުން ފެކަލްޓީ އޮފް ހެލްތު ސައިންސް ބަލިކޮށްފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުގައި މެޕްސް ކޮލެޖުން ބޮޑު ތަފާތަކުން ފެކަލްޓީ އޮފް ހެލްތު ސައިންސަސް ބަލިކޮށްފިއެވެ.
މި މެޗުގައި މެޕްސް ކޮލެޖުން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗް ޑޮމިނޭޓްކޮށްފައެވެ.
މެޗުގެ ވަރަށް ކުރީކޮޅު މެޕްސް ކޮލެޖުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު 2 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާޒް ހިލްމީއެވެ. މި ލަނޑާއެކު މެޕްސް ކޮލެޖަށް މެޗުގެ އިތުރު އިތުބާރު ލިބިގެންދިޔައެވެ.
ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް، މެޕްސް ކޮލެޖުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޒަޔާން އާދަމްއެވެ. މި ލަނޑާއެކު މެޕްސް ކޮލެޖުން މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކުރިއެވެ.
މެޗުގެ ފަހު ވަގުތާ ޖެހެންދެން ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ލަނޑެއް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، މެޕްސް ކޮލެޖުގެ ސައިފުﷲ މުހައްމަދު ވަނީ 39 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑާއެކު މެޕްސް ކޮލެޖުން ވަނީ މެޗުގެ ކާމިޔާބީ ކަށަވަރުކޮށްފައެވެ.
މުޅި މެޗުގައި ދެއްކި މޮޅު ކުޅުމަށް ބަލައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޕްސް ކޮލެޖުގެ ޖަމްޝާދު ޖައުފަރެވެ. މި މެޗު ނިމިގެންދިޔައީ 0-3 ގެ ނަތީޖާއަކުން މެޕްސް ކޮލެޖު ކުރީގައި އޮވެގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް