އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ހިނގާލުމެއް ބާއްވަނީ
އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ޝަރަފުގެ ހިނގާލުމެއް މާލޭ ސިޓީގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މިމަހުގެ 29 ވާ ހުކުރު ދުވަހުގެ ހަވީރު 16:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ނިކުމެގެން އަމީރުއަޙްމަދު މަގުން އިރަށްގޮސް، މެދުޒިޔާރަތްމަގުން އިރަށްގޮސް ޝަހީދު ޢަބްދުﷲ ޒުޙައިރު ހިނގުމުން އުތުރަށްގޮސް ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް މޫންލައިޓް ހިނގުމުން ދެކުނަށްގޮސް ބޮޑުތަކުރުފާނުމަގުން ހުޅަނގަށްގޮސް ކަޅުތުއްކަލާކޮށްޓަށް ނިންމާގޮތަށްކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ޝަރަފުގެ މިހިނގާލުން ހުއްޓި ސިފައިންގެ ބޭންޑުގައި ރާގުތަށް ކުޅުމަށް ހަމަޖެހިފައިވަނީ މުލީއާގޭ ކުރިމަތީގައާއި، ރޯޝަނީ މަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ކަންމަތީގައާއި ސެނަހިޔަ ކުރިމަތީގައާއި ސްވިމިންގ ޓްރެކް ސަރަހައްދުގެ އިތުރުން ވިލާކޮލެޖް ކައިރީގައާއި މާލޭ ކުޅިވަރު އެކުވެނި ސަރަހައްދުގައި ކަމަށްވެސް އެމްްއެންޑީއެފުން ބުނެފައިވެއެވެ.
މި ޝަރަފުގެ ހިނގާލުމުގައި މިހާރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި އަންހެން ސިފައިންގެ އިތުރުން ސިފައިންގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވި 65 އަންހެން ސިފައިންގެ ތެރެއިން 40 ކަނބަލުން ބައިވެރިވާގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް