މެރިން ރިސާރޗް ސެންޓަރގެ ނަން ބަދަލުކޮށްފި
ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ މެރިން ރިސާރޗް ސެންޓަރގެ ނަން ބަދަލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދޭގޮތުގައި "މެރީން ރިސަރޗް ސެންޓަރ" ގެ ނަން، "މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް"ގެ ނަަމަށް ބަދަލުކޮށްފައިވަނީ މިއަދެވެ.
މިއާއި އެކު އެތަނުން ކުރާ ބައެއް މަސައްކަތްތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ކަނޑުގެ މާޙައުލާއި، އެ މާޙައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށްޓަކައި، ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރުމާއި، ރާއްޖޭގެ ކަނޑުގެ މާޙައުލުގައި އުޅޭ ދިރުންހުރި ތަކެތީގެ މަޢުލޫމާތު އެއްކުރުމާއި، ކަނޑުގެ ދިރުންތަކުގެ ސްޕެސިމަން އެއްކޮށް ބެލެހެއްޓުން، ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާ ބާވަތްތަކާއި، ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި،ކަނޑުގެ މާޙައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ، އެ ބާވަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުމާއި ދިވެހިރާއްޖޭގައި ކުރެވޭ ތަފާތު ބާވަތް ބާވަތުގެ މަސްވެރިކަން ކުރެވެނީ އެ މަސައްކަތްތަކުގައި ހިފާ ބާވަތްތަކުގެ އާބާދީއަށާއި، އެ ތަކެތީގެ މާޙައުލަށް ގެއްލުން ނުވާ ގޮތަކަށްކަމާއި،އެ ބާވަތްތައް ހިފެނީ އެ ބާވަތްތަކަށް ގެއްލުން ނުވާ މިންވަރަށްކަން ޔަގީންކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން ހިމެނެއެވެ.
އަދި މީގެ އިތުރުން އެ ދިރާސާތަކުގެ އަލީގައި މަސްވެރިކަމުގެ ވުޒާރާއަށް ފަންނީ ލަފާދިނުމާއި، މަސްވެރިކަމުގެ ތަފާސްހިސާބުތަކަކީ ބުނެވިދިޔަ ކަންކަމަށް އެކަށޭނަ ހިސާބުތަކަކަށް ހެދުމަށް ބޭނުންވާ ލަފާދިނުންފަދަ ކަންކަން ކުރުމަށްވެސް ވަނީ ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް