ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެހީއަށް އެދިއްޖެ
ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެދިއްޖެއެވެ.
މިގޮަތަށް އެ ސެންޓަރުން އެދިފައިވަނީ މިރޭ އާންމުކުރި ބަޔާނެއްގައެވެ.
އެންސީޓީސީން ބުނީ ޓެރަރިޒަމާާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށް ވެފައިވާއިރު، މިއީ އަންނަން އޮތް ޖީލުތައް ފިކުރީގޮތުން ކުރިއަރާދިއުމާއި ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރިމަތިވަމުން އަންނަ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެގޮތުން ހަރުކަށި ފިކުރު ފަތުރާ މީހުން ރެއާއި ދުވާލު އެކި ގޮތްގޮތުން އެބައިމީހުންގެ ފަނާކުރަނިވި ފިކުރު ފެތުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މިކަންކަމަށް ސަމާލުވުމަށް އެންސީޓީސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ނުރައްކާތަކާއި މެދު ސަމާލުވެ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއި ބެހޭ މައުލޫމާތު ސަލާމަތީ ޚިދުމަތްތަކަށް ފޯރުކޮށްދެމުން ދިއުމަށް ވަނީ އެދިފައެވެ.
އެންސީޓީސީއަށް ގުޅޭނެ ފޯނު ނަންބަރަކީ 1615 އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިރޭ ހަތަކުން ފެށިގެން އެމްއެންޑީއެފްއިން ވަނީ އެލާޓް ސްޓޭޓަސް ޔެލޯ2އަށް ބަދަލުކޮށްފައެވެ. އެއީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން އަންނަ އެލާޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް