ފިނޭންސް މިނިސްޓްރީގެ ބޮޑު އިމާރާތުގެ މައްސަލައެއް އާބިޓްރޭޝަނަށް!
މިދިޔަ ސަރުކާރުގެ ފަރާތުން ހުޅުމާލޭގައި އަޅަން އުޅުނު ފިނޭންސް މިނިސްޓްރީގެ 25ބުރީގެ އިމާރާތުގެ ބައެއް މަސައްކަތްތަކެއް ކުރި މެލޭޝިޔާގެ ކުންފުންޏަކަށް ފައިސާނުދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މެލޭޝިޔާގެ މީޑިޔާތަކުން ބުނާގޮތުގައި މި ކުންފުނިން ވަނީ މި މައްސަލަވަނީ އެގައުމުގެ ވެރިރަށް ކުއަލަ ލަންޕޫރުގައި ހުންނަ އޭޝިޔަން އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށައަޅާފައެވެ.
މެލޭޝިޔާގެ ނޫސްތަކަށް މައުލޫމާތުދެމުން އެގައުމުގެ އަމިއްލަ ކުންފުންޏެއްކަމުގައިވާ ޑަބްލިޔުޒެޑްއާރު ޕްރޮޕަޓީ ސެންދިރިއަން ބަރުހާދުގެ ޗެއާމަން ޑާތުކް ސަޒްމީ މިއާ ވިދާޅުވީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިތުރު ހަ ބައިނަލްއަގްވާމީ ކުންފުންޏާއި އެކުންފުންޏަށް ފިނޭންސް މިނިސްޓްރީގެ 25ބުރީގެ އިމާރާތް އެޅުމުގެ ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ދިންކަމަށެވެ.
އެ ކުންފުނިންވަނީ މި ބިޑް ކާމިޔާބުކޮށް 2016ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1ވަނަ ދުވަހު 123މިލިޔަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 1.9މިލިޔަން ރުފިޔާގެ އެއްބަސްވުމެއް ލިބި، އޭގެ މަސްދުވަސް ފަހުން އެއްބަސްވުމުގައި ސޮއިކުރެވުނު ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެކުންފުނިން ވަނީ ޕްރޮޖެކްޓްގެ 20 ޕަސެންޓް މަސައްކަތާއި ޕައިލިންގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް އެ ޕްރޮޖެކްޓަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ލިބިފައިނުވާކަމަށް ވަނީ ބުނެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އާ ސަރުކާރުން އެ ޕްރޮޖެކްޓް އިތުރަށް ކުރިއަށް ހިންގުމާއި މެދު ދެވަނަ ވިސްނުމަކަށް ގޮސްފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
ކުންފުނީގެ ޗެއާމަން ސަޒްމީ ވަނީ މި މައްސަލައިގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށާއި އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ފޮނުވި ސިޓީތަކަށް ޖަވާބެއް ލިބިފައިނުވާކަމަށް ވިދާޅުވެ، މި މައްސަލައިގައި ދިވެހި ސަރުކާރުގެ ފަރާތުން ބައްދަލުވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްކަމުގައިވާ މުހައްމަދު ފިރުޒުލް ހުސައިން ފިރާޒު އަދި މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ސަފީރު ވިސާމް އަލީއާއި ކަމަށް ވިދާޅުވެފައެވެ.
އެބޭފުޅާ ވަނީ ދިވެހި ސަރުކާރުން މި ޕްރޮޖެކްޓް ހުއްޓާލަން ގަސްދުކުރާނަަމަ މިހާރު އެކުންފުންޏަށް ދިވެހި ސަރުކާރުން ދޭންޖެހޭ 29މިލިޔަން ޑޮލަރުގެ އިތުރުން 30-40މިލިޔަން ޑޮލަރުގެ ބަދަލެއް ހޯދާނެކަމަށް ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް