ރަމަޟާންމަހުގެ ފަހު ދިހައަށްވުރެވެސް، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްކަން ބޮޑު ހެއްޔެވެ؟
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ އަރިހުގައި މި ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިއެވެ.
”ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް، ރަމަޟާން މަހުގެ ފަހު ދިހަ ދުވަހަށް ވުރެ މަތިވެރިވެގެންވެއެވެ. އަދި ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ރޭތަކަށްވުރެ މަތިވެރިވެގެންވެއެވެ.“ [1]
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ ދަރިވަރެއްކަމުގައި އިބްނުލް ޤައްޔިމު رحمه الله ’ބަދާއިޢުލް ފަވާއިދު‘ އޭ ކިޔުނު ފޮތުގައި މިކަމާ ބެހޭގޮތުން ވިދާޅުވިއެވެ.
”ވިސްނުންތެރިއަކު މިކަމާމެދު ވިސްނާލައިފިނަމަ މިޖަވާބަކީ – އެބަހީ: ޝައިޚުލް އިސްލާމް އެދެއްވާފައިވާ ޖަވާބަކީ – ހިތުގައިވާ ސުވާލުތަކަށް ޖަވާބު ލިބޭ އަދި ފުދޭ ޖަވާބެއްކަމުގައި ފެނިގެންދާނެއެވެ. އެހެނީ ޢަމަލުތައް ކުރެވޭ ދުވަސްތަކުގެ ތެރޭގައި ﷲ ތަޢާލާގެ ޙަޟްރަތުގައި އެދުވަސްތައްވަރުގެ ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ.
ފަހެ އެދުވަސްތަކުގައި ޢަރަފާތް ދުވަހާއި ނަޙްރުގެ ދުވަހާ އަދި ތަރްވިޔާގެ ދުވަސްވެއެވެ. – އެއީ ޙައްޖުމަހުގެ 8 ، 9 ، 10 އެކެވެ. – އަދި ރަމަޟާންމަހުގެ ފަހު ދިހަ ރެއާމެދު ދަންނައެވެ. ފަހެ އެހުރިހާ ރެޔަކީވެސް ﷲގެ ރަސޫލާ صلى الله عليه وسلم (އަޅުކަމުގައި) އިޙްޔާކުރެއްވި ރޭތަކެކެވެ. އަދި އެރޭތަކުގެ ތެރޭގައި އެއްހާސް މައްސަރަށްވުރެ ހެޔޮ ރެއެއްވެސް ވެއެވެ. – އެއީ ލައިލަތުލް ޤަދްރިއެވެ. – މިސުވާލުގައި މިނޫން ޖަވާބެއްދެއްވައިފި ބޭކަލަކަށް މިކަމުގައި ޞައްޙަ ދަލީލުތަކެއް ނުގެނެވޭނެއެވެ.“ [2]
1: مجموع فتاوى لشيخ الإسلام ابن تيمية (25/287).
2. بدائع الفوائد لابن القيم (3/162).
ޖަމިއްޔަތު ސަލަފް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް