މިންތީގެ ފަރަގުތައް ނައްތާލެވޭނީ ދެ ޖިންސް ބައިވެރިވެގެން: ޝިދާތާ
މިންތީގެ ފަރަގުތައް ނައްތާލެވޭނީ ދެ ޖިންސް ބައިވެރިކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކ.މާފުށީގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ، މިންތީގެ ހަމަހަމަކަމާ ގުޅޭ މައްސަލަތަކާއި ފަރަގުތައް ނައްތާލެވޭނީ، އެ ކަމުގައި ދެ ޖިންސުގެ ބައިވެރިވުން އޭގެ އެންމެ ފުރިހަމައަށް ލިބިގެންކަންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ހަމަހަމަ ކަމާއި އަންހެނުންގެ ޙައްޤުތަކުގެ ވާހަކައަކީ އިއްޔެ އަދި މިއަދު ދެކެވެން ފެށި ވާހަކައެއް ނޫންކަމަށާއި މި ވާހަކައަކީ އެކި ޒަމާންތަކުގައި ދެކެވި، އަދި ދުނިޔޭގެ ބައެއް ޙަޟާރަތްތަކުގައި ފުރިހަމައަށް ތަންފީޛުކުރެވިފައިވާ ކަމެއްކަމަށެވެ. އެ ކަމުގެ އެންމެ ފުރިހަމަ މިސާލަކީ އިސްލާމީ ޙަޟާރަތްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި އެކަމަނާ ވަނީ އަލްސުލްތާނާ ރެހެންދި ޚަދީޖާގެ ހަޔާތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ތާރީޚީ ލިޔެކިޔުންތަކުގައި ކޮއްކޯފުޅަކާއި ދެ ފިރިކަލަކު އަވަހާރަކޮށްލެއްވިކަން ބަޔާންވެފައި އޮތް ނަމަވެސް، އެ ކަމުގައި އެ ކަމަނާ ޢަމަލުކުރެއްވި ގޮތާއި ސަބަބު ހާމަކޮށްފައި ނުވާކަން ޝިދާތާ ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ތާރީޚުގެ ފަތްފުށްތައް ދިރާސާކޮށް މިފަދަ ޙާދިސާތަކުގެ އެންމެ ފުރިހަމަ މަޢުލޫމާތު ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެގޮތުން، މިފަދަ ހާދިސާތައް ހިނގާފައިވާ ޒަމާންތަކުގައި، ރަސްކަން ވާރުތަވަމުން އައިސްފައިވާ ގޮތާއި، ރަސްކަމެއް ފޭރިގަތުމުން ނުވަތަ ބަޣާވާތެއްކުރުމުން ޤާނޫނުގެ ތެރެއިން ޢަމަލުކުރެވިގެންދާ ގޮތާއި، އަދި އެ ފަދަ ހާދިސާތައް ހިނގި އިރު، ކުށްވެރިވާ ފަރާތްތަކަށް ޝަރުޢީ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ އަދަބުތަކަށް ވެސް ރިޢާޔަތްކޮށް ކަމުގެ ފުރިހަމަ މަޢުލޫމާތު ހާމަކުރެވިފައި އޮތުމަކީ މުހިންމުކަމެއް"، މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް