ސަރުކާރު ޒިންމާދާރު ކުރެވޭނީ މެންބަރުން ޒިންމާދާރުކުރުވައިގެން: ހަމްޒާ
ސަރުކާރު ޒިންމާދާރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާދާރު ކުރުވިގެން ކަމަށް މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ގަލޮޅު އުތުރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ހަމްޒާ ޚަލީލް ވިދާޅުވެއްޖެއެވެ.
ހަމްޒާ މިހެން ވިދާޅުވީ އެ ދާއިރާގެ ޕީއެސްއެމް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ 2008ވަަނަ އަހަރުގެ އިސްލާހީ މަސައްކަތުގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ތިންބާރު ވަކިވެފައި އޮންނަން ޖެހޭނެކަމަށާއި ސަރުކާރު ޒިންމާދާރު ކުރުވަން އޮންނަނީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
"މިއަދު ނުކުމެ އަޅުގަނޑުމެން ސަރުކާރުވެސް ބޭނުމޭ ރައްޔިތުންގެ މަޖިލިސްވެސް ބޭނުމޭ ވިދާޅުވީމަ އެ ޒިންމާދާރު ކުރުވާނީ ކިހިނެއްތޯދެން. އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންގެ މަޖިލީހަށް އިހުލާސްތެރި ބޭފުޅުން ލައިގެން މަޖިލީހުން ސަރުކާރުގައި ތިއްބަވާ މިނިސްޓަރުން ޒިންމާދާރު ކުރުވަން. ސިޓީ ކައުންސިލްތައް ޒިންމާދާރު ކުރުވަން"، ހަމްޒާ ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ މަޖިލީހަށް ހޮވާ މެންބަރުންނަކީ އިހުލާސްތެރި ފަސްބައި ސާފުމެންބަރުންތޯ ބަލަންޖެހޭ ކަމަށެވެ.
އެގޮތުން މާލީ ބަޔާން ހާމަކުރެއްވިތޯ އާއި ކުރިން އަމަލުކުރެއްވި ގޮތް ބަލަންޖެހޭކަމަށް ހަމްޒާ ވިދާޅުވިއެވެ. އަދި މިކަންތައްތައް ބަލައިގެން މަޖިލީހަށް ހޮވާ މެންބަރުންނަކީ އެފަރާތްތަކުގެ ގޮނޑިތައް އަނބުރާ ގެންދެވޭނެފަދަ ފަރާތަކަށް ވާގޮތަށް ހަދަންޖެހޭ ކަމަށްވެސް ހަމްޒާ ވިދާޅުވިއެވެ.
މި ބަހުސްގައި ހަމްޒާ ވަނީ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ އުސޫލެއް ތައާރަފްކުރެއްވުމާއި މެދު ތާއިދުކުރައްވާކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް