ރޯދަމަސް ނިމެނީ. ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް!
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދަތުރުވެރިންގެ މާރުކޭޓްގައި ކަރާ ކިލޯއެއްގެ އަގު މިއަދު 35 ރުފިޔާއަށް އަރައިފިއެވެ.
ދަތުރުވެރިންގެ މާރުކޭޓަށް ބަލާއިރު، މާރުކޭޓުގެ ގޮޅިތަކުގައި ކަރާ ވަރަށް މަދެވެ. ކަރާ ވިއްކަން ކުރީ ނިސްބަތުން މަދު ގޮޅިތަކެއްގައެވެ. މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ކަރާ ކިލޯއެއް އެންމެ އަގުހެޔޮކޮށްވެސް ލިބެން ހުރީ 35 ރުފިޔާއަށެވެ. މާރުކޭޓުގައި ކަރާގެ އަގު އުފުލިފައިމިވަނީ ކަރާ ގެންނަ ރަށްތަކުން ކަރާ ގެންނައުން ވަރަށްބޮޑަށް މަދުވުމުންކަމަށް ގޮޅިތަކުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.
"ދެން ކުރިއަށް މިއޮތް ދެދުވަހު ކަރާގެ ޑިމާންޑް ވަރަށް ބޮޑަށް ދަށްވާނެކަމަށް މި ބަލަނީ. ނަމަވެސް ހަ ރޯދަ ދުވަސްކޮޅު ޑިމާންޑް އަނެއްކާވެސް ބޮޑުވެދާނެ" މާރުކޭޓުގެ ގޮޅިއަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ރޯދަމަހުގެ މިހާހިސާބަށް އާއިރު ކަރާގެ އަގުތައް އުފުލުނީ، ޑިމާންޑާ އެއްވަރަށް ސަޕްލައި ދަށްވުމުންނެވެ. ކަރާގެ ސަޕްލައި ދަށްވެފައިވަނީ ދަނޑުތަކުން ކަރާ ނުލިބުމުންނެވެ. މިފަހަރުގެ ރޯދައާ ދިމާކޮށް ކުރި ވިއްސާރާގައި ކަރާ ދަނޑުތައް ހަލާކުވެފައިވާކަމަށް ދަނޑުވެރިން ބުނެއެވެ.
މިފަހަރުގެ ރޯދަމަހުގެ ފަހު 15 އަށް އެޅިފަހުން މާލޭ ބާޒާރުގައި ކަރާގެ އަގު އުފުލުމުގެ އެއް ސަބަބަކީ އަވައްޓެރި އިންޑިއާއިންވެސް ކަރާ ބަރާޒާރަށް ނުނެރެވުމުންކަމަށް ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް