ރައީސް ޔާާމީން ހުންނެވި ގޮޅީގެ ހާލަތު ދަށް: ޤާނޫނީ ޓީމް
މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވި ޖަލުގޮޅީގެ ހާލަތާއި މެދު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ޑރ.ޖަމީލް ވަނީ މިވަގުތު މާލޭ ޖަލުގައި ހުންނެވި ރައީސް ޔާމީނާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޑރ.ޖަމީލް ވިދާޅުވީ މާލޭ ޖަލަކީ ހާލަތު ގޯސްތަނެއްކަމަށާއި ރައީސް ޔާމީން ހުންނަވާ ގޮޅިއަކީ ފެންވަރު ދަށް ގޮޅިއެއްކަމަށް އެމަނިކުފާނުގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އެގޮޅީގައި ހުންނަ އެނދުގައި އެމަނިކުފާނަށް ރަނގަޅަށް ހަށިކޮޅު ދަމާނުލެވޭ އިރު، ފާހަނާ ފްލަޝްނުކުރެވޭ ކަމަށާއި ހޫނުފެންވެސް ނުލިބޭކަމަށް ޑރ.ޖަމީލް ފާހަގަކުރެއްވިއެވެ.
އެބޭފުޅާ ވަނީ މިއަށްވުރެ ފެންވަރު ރަނގަޅު ތަނަކަށް ނުވަތަ އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ގޭބަންދުގައި ރައީސް ޔާމީން ބެހެއްޓުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށާއި ހޯމް މިނިސްޓަރަށް އިލްތިމާސްކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޑރ.ޖަމީލް ވިދާޅުވީ ރައީސް ޔާމީނަކީ މީގެ ކުރިންވެސް މިފަދަ މާހައުލުގައި ބެހެއްޓުމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވެފައިވާ ބޭފުޅެއްކަމަށާއި، އެކަމަށް ދައުލަތާއި އެޗްއާރްސީއެމުންވެސް މީގެ ކުރިން އެއްބަސްވެފައިވާކަމަށެވެ. އަދި މިހާރު ހުންނެވިފަދަ މާހައުލެއްގައި ހުރުމަށް އެމަނިކުފާނުގެ ސިއްހީ ހާލަތު ތަންނުދޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށްވަނީ މާދަމާގެ ވަގުތެއްގައި ރައީސް ޔާމީންގެ ހުކުމް އިސްތިއުނާފުކޮށް، ކަފާލާތުގެ ދަށުން އެބޭފުޅާ ދޫކޮށްލުމަށާއި ނުވަތަ އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ގޭބަންދަށް ބަދަލުކުރުމަށް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް