ހަށިވިއްކުމުގެ ތުހުމަތުގައި، ދެ ޖިންސުގެ ދިވެހިން ހިމެނޭހެން ބަޔަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނަކުން ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ބަޔަކު ހައްޔަރުކޮށްފިއެވެ
މިކަމާ ބެހޭގޮތުން ފުލުހުން ބުނީ، ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުންނެވެ.
ފުލުހުން ވަނީ މި މައްސަލާގައި ހިމެނޭ މީހުންގެ މައުލޫމާތުވެސް އާއްމުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. އަދި ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް