ސައުދީން ރާއްޖޭގެ ތަރައްގީއަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވައިފި
ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްގީއަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފިއެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުން މި ޔަގީންކަން ދީފައިވަނީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުގައި މިއަދު ސަޢޫދީ ޢަރަބިއްޔާގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހިޒް އެކްސެލެންސީ ހަމަދް ބިން ސުލައިމާން އަލް ބަޒައި އާއި އެކުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ.
ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ފިނޭންސްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ވިގަތު ހިނގަމުންދާ ބައެއް މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކާއި މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއާއި މެދު ބަހައްޓަމުން އަންނަ ގާތް ރަޙުމަތްތެރި ގުޅުމަށް މިނިސްޓަރ ޝާހިދު ސުކުރުއަދާކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ނައިބު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރައްޤީގެ ލަނޑުދަނޑިތަކައް ވާސިލްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވެދެއްވެން ހުރި އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އަލްފާޟިލާ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަލްފާޟިލް އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާއާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް