ލުތުފީ ރާއްޖެ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: ފޮރިން މިނިސްޓްރީ
1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިން އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދިޔަ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ، ލަންކާއިން ރާއްޖެ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހު ލުތުފީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި އަމިއްލައަށް ހަވާލުވިފަހުން، މިހާތަނަށް އަނބުރާ ރާއްޖެއަށް ގެނެވިފައި ނުވާތީ އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައެެވެ.
ފޮރިން މިނިސްޓްރީން ބުނީ 1 މެއި 2019 ވަނަ ދުވަހު ހ. ހާޖަރާގެ ޢަބްދުﷲ ލުޠުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލަ އިޚްތިޔާރުގައި ހާޟިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އައުމަށް އެދޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއިއެކު، މިކަން ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ވާނީ ވަގުތުން ޙިއްސާކުރެވިފައިވާނެކަމަށެވެ.
އަދި އެހިނދުން ފެށިގެން، ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް މިކަން ގެނެސް، ޤާނޫނީ އިމުގެ ތެރެއިން ޢަބްދުﷲ ލުޠުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ވަނީ ފެށިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، ޢަބްދުﷲ ލުޠުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައިކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މިގޮތުން، ޢަބްދުﷲ ލުޠުފީގެ މައްޗަށް އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަޤްވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާޢަތްތަކެއް ހުރިކަމަށް މިނިސްޓްރީން ބުނެއެވެ. އަދި، ސްރީލަންކާގައި މީނާ ދިރިއުޅެމުން ދިޔައީ ސައްޙަ ވިސާއަކާ ނުލައި، ފިލައިގެންކަމުން، އިންސާނީ ޙައްޤުތަކުގެ މައްޗަށް ބިނާކޮށް އެޤައުމުގެ ޙިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައިވުމުން، ލަންކާގެ ޤާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުޙަލާތަކެއް ހުރިކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މީގެ އިތުރުން، ފާއިތުވި ސަރުކާރުން ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ދިވެހިރާއްޖެއާއި ސްރީލަންކާ ސަރުކާރާ ދެމެދު ވެފައިވާ ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްޙަކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ޢަބްދުﷲ ލުޠުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ޙަވާލުވި ދުވަސްވަރަކީ ސްރީލަންކާގައި ދިމާވި އީސްޓަރ ބޮމިންގގެ ހިތާމަވެރި ޙާދިސާއާ ދާދި އެއްދުވަސްވަރެއް ކަމަށް ވުމީ، މިކަމުގައި ދިމާވި އިތުރު ހުރަހެއްކަމުގައި ފޮރިން މިނިސްޓްރީން ބުންޏެވެ. ވުމާއެކު، ޢާއްމު ފަރުދަކު އަމިއްލަ އިޚްތިޔާރުގައި އެނބުރި ރާއްޖެ އައުމުގައި ޢާއްމުގޮތެއްގައި ޢަމަލުކުރާ އުޞޫލާއި ޚިލާފަށް، ޢަބްދުﷲ ލުޠުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރިއެވެ.
ޙަވާލާދެވުނު ގޮންޖެހުންތައް ހުރިނަމަވެސް، ފުރަތަމަ ދުވަހުން ފެށިގެން ޢަބްދުﷲ ލުޠުފީ އަނބުރާ ގެނައުމުގެ މަސައްކަތް ފެށި، އޭނާ ބެލެހެއްޓުމުގެ ކަންކަން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ. އަދި އެކަށައެޅިފައިވާ ބައިނަލްއަޤްވާމީ އިޖުރާޢަތްތައް ފުރިހަމަކޮށް، ސްރީލަންކާއާއި، ދިވެހިރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރެވެމުންދާ ވާހަކަ ވަނީ ބަޔާން ނިންމާލަމުން ބުނެފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް