ށ.ފޭދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު މަގުމަތީގައި ބަނދެފައި ބެހެއްޓި މައްސަލައެއް ފެންމަތިވެއްޖެ
ށ.ފޭދޫގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ މީހަކު މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ބަނދެފައި ބެހެއްޓި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ޕޯސްޓެއްގައި ފެންނަ ގޮތުގައި މި އަންހެންމީހާގެ ގައިގައި ރޯނުން އެއްސުމަށްފަހު ވަނީ މަގުމަތީގައި ހުރިހޮޅިދަނޑިއެއްގައި ބަނދެފައެވެ. އަދި އޭނާގެ ގައިގައި ގޯންޏެއްވެސް ވަނީ އައްސާފައެވެ.
މިކަމާއި ގުޅިގެން ވޮއިސްއިން އެރަށު ކައުންސިލާއި ގުޅާލުމުން މިނޫހަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޝާމިރު ވިދާޅުވީ މީގެ ކުރިންވެސް އެ އަންހެންމީހާއަށް އެކިކަހަލަ އަނިޔާާ ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި އަންހެންމީހާ އަކީ ފަަސް ކުދިންގެ މަންމައެއްކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ޔާސްމީންއަކީ ސިކުނޑިގެ ބަލި ހުންނަ މީހަކާ އިނދެގެންއުޅޭ ފަރާތެއްކަން ވެސް ކައުންސިލުން ފާހަގަކުރެއްވެވިއެވެ.

ޝާމިރު ވިދާޅުވީ މީގެ ދެ ރޭ ކުރިން މި އަންެހެންމީހާއަށް އަނިޔާކުރި މައްސަލަ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިޔާ މެދުވެެރިކޮށް ކަމަށާއި، އެ މައްސަލައަކީ ކައުންސިލުން އެތައް ފަހަރަކު ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައިވާ މައްސަލައެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޔާސްމީން ނަމަކަށް ކިޔާ މި އަންހެންމީހާއަކީ ސިކުނޑީގެ އުނިކަމެއްގެ ސަބަބުން ރަށުތެރޭގައި މީހުންނަށް އެކިކަހަލަ އުނދަގޫތައްކޮށްހަދާ ފަރާތެއްކަމަށްވެއެވެ. އެގޮތުން ދާދިފަހުން އެރަށު ސްކޫލްގައި ކިޔަަވައިދެމުން ދަނިކޮށް ކަތިވަޅިއެއް ހިފައިގެން އެރަށު ސްކޫލްތެރެއަށް ވަންކަމަށް ޝާމިރު ވަނީ ވިދާޅުވެފައެވެ.
ޝާމިރު އިތުރަށް ވިދާޅުވީ ޔާސްމީން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ޖެންޑަރ މިނިސްޓަރ ސިދާތާއަށް ސިޓީވެސް ފޮނުވާފައިވާނެކަމަށާއި، މީގެ ހަތަރު ދުވަސް ކުރިން މިނިސްޓްރީގެ ޓީމަކުން އައިސް އޭނާގެ ހާލަތު ބަަލައި، ނަފްސާނީ ޓެސްޓްތަކެއް ހެދުމަށް ހދ.ކުޅުދުއްފުއްޓަށް ގެންދާނެކަމަށް ބުނިކަމަށެވެ. ޔާސްމީނަކީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވެސް ވެފައިވާާ ފަރާތެއްކަމަށް ކައުންސިލްގެ ނައިބު ރައީސް ޝާމިރު ވަނީ ވިދާޅުވެފައެވެ.
ޔާސްމީންގެ އެއް ދަރިއަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށްވާއިރު، އެ ކުއްޖާއަށްވެސް އެރަށު މީހުން ވަނީ ގޯނާކޮށްފައިކަމަށް ޝާމިރު ވިދާޅުވިއެވެ.
ޔާސްމީން މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ އާއިލާއާއެކުގައިކަން ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މި މައްސަލައާއި ގުޅިގެން ޖެންޑާރ މިނިސްޓްރީގެ މީޑިއާ އޮފިޝަލްއަށް ގުޅާލުމުން ބުނެފައިވަނީ މި މައްސަލަ ބަލަމުން ދާކަމަށެވެ. އަދި ޔާމީސް ދައުލަދުގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ބުނެފައިވެއެވެ. ސިކުނޑީގެ ބަލި ތަކަކުގެ މީހުންގެ މައްސަލައަކީ މީގެ ކުރިން ހެލްތް މިނިސްޓްރީގެ މެންޑޭޓްގައި ވާކަމެއް ކަމުގައި ވިޔަސް މި ސަރުކާރުން ވަނީ އެކަންތައް ޖެންޑާރ އަށް ބަދަލުކޮށްފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާކަމެއް ފުލުހުންގެ ފަރާތުން ވަނީ ސާފުވާގޮތްނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް