ކުރީގެ ތަރުޖަމާނު މުއާޒު ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް މުއާޒު އަލީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް ވާދަކުރަަން ނިންމައިފިއެވެ.
އެކަން ހާމަކޮށް މުއާޒް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސިޔާސީ ގޮތުން ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ބޭނުންވާތީ ކުރިއަށް އޮތް މަޖިިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރަން ނިންމާފައިވާކަމަށެވެ. އަދި އޭނާ އެދާއިރާއަށް ވާދަކުރަން ނިންމާފައިވަނީ އަމިއްލަ ގޮތުން ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާ އެދާއިރާއަށް ވާދަކުރައްވަން ނިންމާފައިވަނީ ދާއިރާގެ ރައްޔިތުންގެ ތާއީދާއެކުގައި ކަމަށްވެސް ބުނެފައިވެއެވެ.
އަދި މަޖިލީހުގެ ގޮނޑިއަށް ވާދަކުރުމަށް އެދި އޭނާ އިލެކްޝަނަށް ހުށަހެޅި ފޯމަކީ ހުރިހާ ކަމެއް ފުރިހަމަވެ، އިލެކްޝަނުން ބަލައިގަތް ފުރަތަމަ ފޯމް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ކުރީގެ ރައީސް ޔާމީންގެ ޒައާމަތުގައި އެމަނިކުފާނުގެ ސްޕޯކްސްޕާސަންގެ ގޮތުގައި މަސައްކަތްކުރި، އަދި އިންތިޚާބަށް ފަހުވެސް އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރި މުއާޒް ޕީޕީއެމުން ވަކިވެފައިވަނީ އޭނާއާއި ޔާމީނާއި ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތަކުގައިވެއެވެ. ފާއިތުވި އަހަރުގައި އޮތް ރިޔާސީ އިންތިޚާބަށްފަހު މުއާޒްވަނީ އިލެކްޝަންސް ކޮމިޝަނާއި އެކޮމިޝަންގެ މެމްބަރުންނަށް ބަދުނާމުވާ ގޮތަށް ގިނަ ވާހަކަތަކެއް ދައްކާފައެވެ. އަދި ރައީސް ޔާމީނާއި، ދެކޮޅުވެގެން އޭނާވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ހިނގާދިޔަ ބައެއް ކަންތަތަކުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލި މައްސަލަ ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް