ޔޫކޭގައި ޖަލަށްލި މީހާއަށް ދިވެހި ޕާސްޕޯޓެއް ދޫކޮށްފައެއް ނުވޭ: ހޯމް މިނިސްޓްރީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޖިންސީގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގައި ހުކުމްކޮށްފައިވާ ސުންދަރަލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ މީހަކީ ދިވެއްސެއް ނޫން ކަމަށާ އެނަން ކިޔާ މީހަކަށް ދިވެހި ޕޯސްޕޯޓެއް ހައްދާދީފައި ނުވަތަ ދޫކޮށްފައިވާކަން އެނގެން ނެތް ކަމަށް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.
ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފައިވާ ސުންދަރލިންގަމް ކޫޑަލިންގަމް އަކީ ރާއްޖޭގެ ރައްވެހިކަން އޮންނަ މީހެއް ކަމަށް ބުނެ، ބައެއް މީޑިއާތަކާއި މީސްމީޑިއާގައި އެކި ވާހަކަތައް ދަނީ ދައުރުކުރަމުންނެވެ.
ހޯމް ލޭންޑް މިނިސްޓްރީން މިއަދު ބުނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ރިކޯޑުތަކުގައި، އެ ނަން ކިޔާ ދިވެހި ރައްޔިތަކު ރިކޯޑުކުރެވިފައި ނުވާ ކަމަށެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނުގެ ރިކޯޑުތަކުގައި ވެސް އެއްވެސް އިރެއްގައި އެނަން ކިޔާ މީހަކަށް ދިވެހި ޕޯސްޕޯޓެއް ހައްދާދީފައި ނުވަތަ ދޫކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.
އެހެންކަމުން ސުންދަރލިންގަމް ކޫޑަލިންގަމް އަކީ ދިވެހި ރައްޔިތެއް ކަމަށް ލިޔެ ދައުރުކުރަމުންދާ ޚަބަރަކީ އެއްވެސް އަސްލެއް އެކުލެވިގެންވާ މައުލޫމާތެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ބޭރުގެ ބައެއް ނޫސްތަކާއި ރާއްޖޭގެ ނޫސްތަކުން ވެސް ވަނީ އެއީ ދިވެއްސެއް ކަމަށް ބުނެ ހަބަރު ފަތުރާފަ އެވެ. އެ މިހާ ޖިންސީ ގޯނާކުރީ އެ ގައުމުގެ އެކްޓްރެސް އަކަށް ކަަމަށާ އޭނާ ޖަލަށް ލާން ހުކުމްކުރީ ހަތަރު އަހަރަށް ކަމަށް ނޫސްތަކުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް