ދެ ފަނޑިޔާރުން ވަކިކުރަން ވޯޓަށް އެހުން ހޯމަ ދުވަހަށް
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކުރުމާ މެދު އަންނަ ހަފްތާގެ ހޯމަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ހުށަހެޅުމުން އެމައްސަލަ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑަކުރި އެވެ.
އެމައްސަލަ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވާފައެވެ.
ޖޭއެސްސީން އެމައްސަލަ ފޮނުވާފައިވަނީ އިޖުރާއަތްތައް ފުރިހަމަކޮށްފައިތޯ ޖުޑިޝަރީ ކޮމެޓީން ބަލާނެއެވެ. ބެލުމަށްފަހު އެމައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރެވޭނެކަމަށެވެ.
ނަޝީދު ވިދާޅުވީ ޖުޑިޝަރީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވުމުން އެ މައްސަލަ ކޮމެޓީން ނިންމެވިގޮތް ބެއްލެވުމަށް ތިން ދުވަސް މެންބަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އެއަށްފަހު ތަޅުމުގައި މި މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު 60 ދުވަހަށް ސަސްޕެންޑުކޮށް، ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ އިއްޔެ އެވެ.
ދެ ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ ޖޭއެސްސީން ބަލަމުންދިޔަ ސުލޫކީ މައްސަލައަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް