މުހައްމަދު އިބްރާހީމް (ކައްޕި)
މުހައްމަދު އިބްރާހީމް (ކައްޕި)
ކުޅިވަރު 06 Apr 2025 | 06:08

އެންމެންގެ ހެޔޮ ދުޢާ ކައްޕިއަށް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ޤައުމީޓީމުގެ ކުރީގެ ކެޕްޓަން އަދި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ލެޖެންޑް، މުހައްމަދު އިބްރާހީމް (ކައްޕި) އަށް ސްޓްރޯކެއް ޖެހި ފަރުވާދެމުން އެބަދެއެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ކައްޕިގެ ވަރަށް ގާތް މީހަކު ބުނީ ކައްޕިއަށް ސްޓްރޯކެއް ޖެހުނީ އިއްޔެނޫން ކުރީދުވަހު އޮފީޙުގައި ހުއްޓާކަމަށެވެ. ނަމަވެސް ކައްޕިގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް އާއިލާގެ ފަރާތުން ވާހަކަދައްކަވަމުން ކައްޕިގެ ދޮންބެ ބުންޏެވެ. މިގޮތުން މިހާރު ކައްޕިއަށް ކޮންމެވެސް ވަރަކަށް ކާންދެވޭކަމީ ލިބިގެންދިޔަ ކުރިއެރުމެއްކަމަށް އޭނާ ފާހަގަކުރިއެވެ.

"އަދި ވާހަކަ ނުދެއްކުނު ނަމަވެސް އަޅުގަނޑު ވާހަކަ ދެއްކީމައި ބޮލުން އިސްޖަހާލައި. މިހާރު ކޮންމެވެސް ވަރަކަށް ކާންދެވޭ. މިގޮތުން ޔޯގަޓް އަދި ގަރުދިޔަ ބަތް މެކްސަރުން ހިމުންކޮށްގެން ކާންދެވުނު" ކައްޕިގެ އެއްބަނޑު އެއްބަފާ އެންމެ ބޮޑަށް ހުންނަ ބޭބެ ބުންޏެވެ. ނަމަވެސް ކައްޕިގެ ހާލަތު ދެނެގަނެ ކުރިއަށްދިއުމަށް އަދި ވެސް ހަފްތާއެއްހާ ދުވަސް ނަގާނޭކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށް އޭނާ ބުންޏެވެ.

ކައްޕިވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބަށް 1992 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމަޔަށް ކުޅެފައެވެ. ކައްޕި ރިޓަޔަރ ކުރިއިރު ކުޅުނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. ކައްޕި ކުޅުނު ދުވަސްވަރު އޭނާއަކީ އޭރުގެ އެންމެ މަޝްހޫރު ޑިފެންޑަރެވެ. ވިކްޓްރީ ޤައުމީ މުބާރާތް ޖެހިޖެހިގެން ދެވަނަ އަހަރު މިލްކުކުރިއިރު އެޓީމުގެ ކެޕްޓަނަކީވެސް ކައްޕިއެވެ.

ކައްޕިއަކީ ދަނޑުމަތީގައި ވަރަށް މަޑުމައިތިރި ވަރަށް އަހްލާގް ރަނގަޅު އެހެން ކުޅުންތެރިންނަށް ނަމޫނާ އެއްގެ ގޮތުގައި ހުރިހާ ފަރާތްތަކަކުންވެސް ސިފަކުރާ ކުޅުންތެރިއެކެވެ.

ކައްޕި ހިމެނެނީ ކެޕްޓަން ބޭންޑް އަޅައިގެން އެންމެ ގިނައިން ޤައުމީޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައެވެ. ކައްޕިއަށް ސްޓްރޯކް ޖެހުމާއެކު ގިނަ އަދަދެއްގެ ފަރާތްތަކުން އަންނަނީ ހެޔޮދުޢާ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް