ލިވަޕޫލް ލީޑް ފުޅާކުރިއިރު ޗެލްސީ ގަދަ ހަތަރެއްގައި އޮތުމަށް މުހިންމު މޮޅެއް
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު މެޗް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގަ ހަމަޖެހިލައިފިއެވެ.
ބްރައިޓަން އެންޑް ހޯވް އަލްބިއޮންގެ މައްޗަށް ލިވަޕޫލްއަށް ކުރި ލިބުނީ 1-0 ކުންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ސަލާހްއެވެ.
ލިވަޕޫލް ޑޮމިނޭޓް ކޮށްގެން ކުޅުނު މި މެޗުގައި އިދިކޮޅު ޓީމަށް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.
މެޗައި ބެހޭގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ މި މެޗަކީ އޭނާގެ ޓީމް ދެއްކި ކުޅުމަކީ މިހާތަނަށް އެޓީމުގެ ފަރާތުން ފެނުނު އެންމެ 'މެޗުއާ' ކުޅުން ކަމަށެވެ. ލިވަޕޫލްއަށް މެޗް ކޮންޓްރޯލް ކުރަން އެނގޭ ކަމަށައި މިހާރު ލިވަޕޫލްއަކީ 'ޗައިލްޑިޝް' ޓީމެއް ނޫން ކަމުގައިވެސް ކްލޮޕް ބުނެފައިވެއެވެ.
މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ލިވަޕޫލްވަނީ އެޓީމް ތާވަލުގެ އެއްވަނައިގަ އޮތް ލީޑް ޖުމްލަ 7 ޕޮއިންޓަށް ފުޅާކޮށްފައެވެ. އެއީ ދެވަނައިގަ އޮތް މެންޗެސްޓާ ސިޓީއަށްވުރެ އެއް މެޗް އިތުރަށް ކުޅެގެންނެވެ. ސިޓީ ތާވަލުގެ ދެވަނައިގަ އޮތީ ލިބުނު 50 ޕޮއިންޓާއެކީއެވެ.

ލީގުގައި ރޭ ޗެލްސީ އަދި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗް 2-1 ކުން ކާމިޔާބުކުރީ ޗެލްސީއެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ފެނުނު ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑް ނަގައިދިނީ ޑިފެންޑަރ ޑާވިޑް ލުއީޒް ދިން ރީތި ދިގު ޕާހަކުން ވިންގްއަށް ކުޅެމުން އަންނަ ޕެޑްރޯއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުކާސަލްވަނީ ލިބުނު ކޯނަރެއްގެ ފައިދާނަގާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ނިއުކާސަލްއަށް ޖަހައިދިނީ ޑިފެންޑަރ ކްލާކްއެވެ.
ޗެލްސީ މެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 57 ވަނަ މިނެޓުގައި ވިލިއަންއެވެ.
ބާސެލޯނާއިން ގަތުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ވިލިއަންއައި ބެހޭގޮތުން މެޗު ނިންމާފަ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ސަރީ ބުނީ ވިލިއަންއަކީ އޭނާގެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމުގައެވެ. ވިންގްއަށް ކުޅޭ ޕެޑްރޯ، ކެލަމް ހޮޑްސަން، އަދި ވިލިއަންއަކީ ވަރަށް މުހިންމު ކުޅުންތެރިންކަން ސަރީ ފާހަގަ ކޮށްފަވެއެވެ.
މި މެޗުން ބަލިވުމާއެކު ނިއުކާސަލްވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ. ޗެލްސީ ތާވަލުގެ ހަތަރުވަނައިގަ އޮތީ 47 ޕޮއިންޓާއެކީއެވެ.
ލީގުގެ ކުރިއަށް އޮތް މެޗުގައި ޗެލްސީ ކުޅުމަށް ހަމަޖެހިފައިވަނީ އާސެނަލްއައި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް