ޑރ.ޝަހީމާއި ޝެއިޚު އިލްޔާސް ސުލްހަވެއްޖެ
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާއި، މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިންނާއި ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން ނިމުމަކަށް ގެނެސްފައިވާ ކަމަށް ޑރ.ޝަހީމް ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ޝައިޚު އިލްޔާސް ޙުސައިންނާއި އޭނާ އާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނެވި އަޚުވަންތަކަން އަލުން އިޢާދަކުރެވިފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ ޝައިޚު އިލްޔާސްއާ އޭނާ އާއި ދެމެދު އޮތް ގުޅުމަކީ ދުވަސްވީ ގުޅުމެކެވެ. އެއިގެ ތެރެއިން ޢަދާލަތުޕާޓީ އުފެއްދުމުގެ ޙަރަކާތުގެ ތެރެއިން އިތުރަށް ގާތްކަން އުފެދިގެން ދިޔަ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އޭނާއާއި އިލްޔާސްއާއި ދެމެދު ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔަ ކަމަށެވެ. އަދި ގުޅުން ކެނޑިފައި ގާތް ގަނޑަކަށް ހަތަރު އަހަރު ވަންދެން އޮތްކަންވެސް ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ.
" ޤައުމަށް އެންމެ ރަނގަޅު ގޮތަކީ އިސްލާމީ ޢިލްމުވެރިން ޚިޔާލު ތަފާތުވުން ކުޑަކުރުން ކަމުގައި ފެންނާތީއާއި ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮ މީހަކީ ސަލާމަތްތެރި ހިތަކާއިގެން އައި މީހެއްކަމުގައި ވާތީއާއި ސިޔާސީ ގުޅުންތަކަށް ވުރެ އިސްލާމީ އުޚުއްވަތްތެރިކަމުގެ މަތިވެރިކަން ﷲ ގެ ޙަޟްރަތުގައި ބޮޑުކަމަށްޓަކައްޔާއި މުސްތަޤުބަލުގައި ރާއްޖެއަށް ވެސް އެންމެ ހެޔޮ ގޮތަކީ އިސްލާމީ ޢިލްމުވެރިންގެ ސަފުތައް އެއްބައިވަންތަކޮށްގެން ކަމުގައި ދެކޭތީވެ ޝައިޚު އިލްޔާސްއާއި އަޅުގަނޑާ އޮތް ޒަމާންވީ އިސްލާމީ ގުޅުން އިޢާދަކުރަން އަޅުގަނޑު ނިންމީމެވެ." ޝަހީމްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ޑރ.ޝަހީމްއާއި އިލްޔާސްއާއި ދެމެދު އޮތް ގުޅުން ގޯސްވީ، އެދެބޭފުޅުންގެ ސިޔާސީ ވިސްނުންފުޅު ތަފާތު ވުމުންންނެވެ. އެގޮތުން ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ޑރ.ޝަހީމް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ތާއީދު ކުރެއްވާ، އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ނނުކުންނެވިއިރު، ޝެއިޚް އިލްޔާސް ހުންނެވީ އެމްޑީޕީއަށް ތާއީދު ކުރައްވައިގެންނެވެ.
.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް