ސަލަފުން ދަރުސް ކެންސަލް ކުރީ އަމިއްލައަށް: އިސްލާމިކް މިނިސްޓަރ
ސަލަފު ޖަމުއިއްޔާއިން ދަރުސް ކެންސަލް ކުރީ އަމިއްލައަށް ކަމަށް އިސްލާމިކު މިނިސްޓަރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އިސްލާމިކު މިނިސްޓަރ އަހުމަދު ޒާހިރު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރު ތަކުގައިވެސް ދީނީ ދަރުސް ދިނުމުގެ ކުރިން އުސޫލާއި އެއްގޮތަށް ޖަމުއިއްޔާތަކުންނާއި، ޝައިޚުން އައީ ހުއްދަ ނަގަމުން ކަމަށެވެ. ނަމަވެސް މިނިސްޓްރީން ތަކުރާރުކޮށް ސަލަފު ޖަމުއިއްޔާއިން ދޭން އުޅޭ ދަރުސް ދިނުމަށް ހުއްދަ ނެގުމަށް ހައްދާކޮށްދިން ކަމަށާއި، ނަމަވެސް އެކަން ނުކޮށް ސަލަފުން ބާއްވަމުން އައި ދަރުސް އަމިއްލަ ކެންސަލް ކުރުމުން ހިތާމަ ކުރާކަމަށްވެސް މިނިސްޓަރގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
ގަވާއިދުތަކާއި އަދި އުސޫލުތަކަކީ މުޅި މުޖުތަމައުގެ މަސްލަހަތު ނެގެހެއްޓުމަށްޓަކައި ހަދާފައިވާ އެއްޗެއްކަމަށާއި، ފަރުދުންނާއި ޖަމާއަތް ތަކުންވެސް އެ އުސޫލްތަކަށް އިހުތިރާމް ކުރުމަށް އިސްލާމިކު މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
ސަލަފު ޖަމުއިއްޔާއިން ދަރުސް ކެންސަލް ކުރީ އަމިއްލައަށް ކަމަށް އިސްލާމިކު މިނިސްޓަރ ވިދާޅުވެފައިވާއިރު ސަލަފުން ރޭގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގެ މަގުސަދުތަކުގެތެރެއިން "ދީން ހިމާޔަތް ކުރުން" ނަމުގައި އެ ޖަމިއްޔާއިން ދޭން މަސައްކަތް ކުރި ދަރުސް ސަރުކާރުން ހުއްޓުވާފައިވާކަމަށެވެ. އަދި އެދަރުސް ހުއްޓުވާފައިވަނީ ދަރުސް ދޭން އުޅެނީ ހުއްދަ ނުނަގާކަމަށް ބުނެ ކަމަށްވެސް ސަލަފުން ބުނެފައިވެއެވެ.
އެ ދަރުސް ކެންސަލުވުމާއި ގުޅިގެން، ޖަމްޢިއްޔަތުއްސަލަފްގެ ނައިބުރައީސް ދެއްވި އިންޓަވި އެއްގައި ވިދާޅުވެފައިވަނީ ދަރުސް ބޭއްވުމަށް އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ ކަމުގައެވެ. އަދި މިހާތަނަށް ޖަމްޢިއްޔާއިން ބާއްވާފައިވާ ހުރިހާ ދަރުސްތަކާއި ފޯރަމްތައްވެސް ބާއްވަމުން ގެންގޮސްފައިވާނީ، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ޖަމްޢިއްޔަތުއްސަލަފަށް ލިބިފައިވާ ހުއްދައިގެ ދަށުން، ރާއްޖޭގައި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮންނަ ޢިލްމުވެރިން މެދުވެރިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް