ސުޕްރީމް ކޯޓަށް ޖޭއެސްސީ ޖަވާބުދާރީ ނުކުރެވޭނެ: ރައީސް ސޯލިހު
ޖުޑީޝަލް ސާރވިސް ކޮމިޝަން ޖަވާބުދާާރީ ކުރެވޭނީ ހަަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސުލްޖުމްހޫރިއްޔާާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާާނު މިހެން ވިދާޅުވީ ދާދި ދެންެމެއަކު ނެރުއްވި ނޫސްބަޔާނެއްގައެވެ.
އެ ބަޔާނުގައި ވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަނަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ޤާނޫނުއަސާއީއިން އެކަށައަޅާފައިވާ މުއައްސަސާކަމަށްވާއިރު އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުއައްސަސާ ޖާވާބުދާރީ ކުރުވޭނޭގޮތްވެސް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައިކަމަށް ބުނެފައެވެ.
"އެއީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުމެވެ. އެއީ ޤާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ޤާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ޤާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫނެވެ"، ބަޔާނުގައި ވެއެވެ.
އެހެންކަމުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކާއި، ހުރިހައި މުއައްސަސާތަކުން ޤާނޫނުއަސާސީއަށާއި، ޤާނޫނުގެ ހަމަތަކަށް އިޙްތިރާމްކުރުމާއެކު، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ.
ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވަޢުދުކަމުގައި ވާއިރު، އެ ވަޢުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން މި ފުރުސަތުގައި ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވައެވެ.
އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ކުރާންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް