މެދު އުޑުގައި ފިޔަޖަހަމުން ދިޔަ ލިވަޕޫލް ބިމައި ހަމަވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްގެ މައްޗަށް މެންޗެސްޓާ ސިޓީއިން ކުރިހޯދައި ޕޮއިންޓުގެ ގޮތުން ދެޓީމުގެ މެދުގައި އޮތް ފަރަގު ކުޑަކޮށްފިއެވެ.
ރޭ ސިޓީއައި ދެކޮޅަށް ނުކުތުމުގެ ކުރިން ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ ލިވަޕޫލް އަދި ސިޓީއައި ދެމެދު މިހާރު އޮތީ 4 ޕޮއިންޓުގެ ފަރަގެވެ. 54 ޕޮއިންޓާއެކު އަދިވެސް އެއްވަނައިގަ ލިވަޕޫލް އޮތްއިރު ޓޮޓެންހަމް ތިންވަނައަށް ވައްޓާލުމަށްފަހު ސިޓީވަނީ 50 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.
2-1 ސިޓީ ކާމިޔާބުކުރި މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނަގާފައިވަނީވެސް ސިޓީއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ސްޓްރައިކަރ ސާޖިއޯ އަގުއޭރޯއެވެ. އަގުއޭރޯގެ ފަރާތުން ފެނުނު ލަނޑު ފެނިފައިވަނީ މެޗުގެ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ.
64 ވަނަ މިނެޓުގައި އަރިމަތީ ޑިފެންސްއަށް ކުޅެމުން އަންނަ ރޮބާޓްސަން ހުސްކޮށްލާފަ ދިން ބޯޅައަކުން ލަނޑުޖަހައިދީ މެޗުގެ ނަތީޖާ ލިވަޕޫލްއަށް އެއްވަރުކޮށްދިނީ މިދުވަސްކޮޅު ރަނގަޅު ފޯމެއްގައި ހުރި ފިރްމީނޯއެވެ.
ސިޓީގެ ފަރާތުން ވަރުގަދަ ޕްރެސިންގް ގޭމެއް ފެނިގެންދިޔަ މި މެޗް އެޓީމަށް ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިންގް ދިން ޕާހަކުން ސާނޭއެވެ.
މި މެޗުގައި ލިވަޕޫލްކޮޅަށް ވައިން ދެ ލަނޑަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ފަހުން އެޓީމްކޮޅަށް ލީގު މެޗެއްގައި ދެ ލަނޑު ވައިން ފުރަތަމަ ފަހަރެވެ.
މެޗައި ބެހޭގޮތުން ވާހަކަދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ އޭނާގެ ޓީމައިމެދު ފަހުރުވެރިވާ ކަމަށައި މެޗަށް ނުކުތީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. ލިވަޕޫލްގެ މައްޗަށް ކުރި ލިބުމުގެ ހުރިހާ ތައުރީފެއް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށައި ޗެންޕިއަންސް ލީގުގައިވެސް ސިޓީ ދައްކަންވީ މި މެޗުގައި ދެއްކި ކަހަލަ ކުޅުމެއް ކަމުގައި ގާޑިއޯލާ ބުންޏެވެ. މީގެ އިތުރުން ލިވަޕޫލްއަކީ އަދިވެސް ތާވަލުގެ އެއްވަނައިގަ އޮތް ޓީމުކަން ހަނދާން ކުރަންޖެހޭ ކަމަށައި ސިޓީއަށް އަދި ކުރެވުނުހާވެސް ކަމަކީ ދެޓީމުގެ މެދުގައި އޮތް ފަރަގު 4 ޕޮއިންޓަށް ކުޑަ ކުރުންކަމުގައި ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނެފައިވަނީ ނިންމާލުންތަކުގައި އޭނާގެ ޓީމުގެ ނަސީބު ދެރެއީ ކަމުގައެވެ. މެޗުން ފެނިގެން ދިޔައީ ލިވަޕޫލް އަދި ސިޓީގެ އެންމެ މޮޅު ކުޅުން ނޫންކަމަށްވެސް ކްލޮޕް ބުނެފައިވެއެވެ. ބަލިވުމަކީ މައްސަލައެއް ނޫންކަމުގައި އޭނާގެ ކުޅުންތެރިންގެ ގާތުގައި މެޗަށްފަހު ބުނެފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް