ބާޒާރުގައި މިފަހަރު އިންޑިއާ ކަރާ ނެތީތަ؟
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ކުރީ އަހަރުތަކުގެ ރޯދަމަހާ ހިލާފަށް މިފަހަރުގެ ރޯދަމަހު ދަތުރުވެރިންގެ މާރުކޭޓުންނާއި ބާޒާރުމަތީ ފިހާރަތަކުން ނުފެންނަ މަންޒަރެއް އެބައޮތެވެ. މިފަހަރުގެ ރޯދަމަހުގެ މިހާތަނަށް ދިޔައިރު، ދަތުރުވެރިންގެ މާރުކޭޓުން އަދި ކިއެއްތަ ބާޒާރުމަތިން އިންޑިއާ ކަރާ އާއްމުކޮށް ނުފެންނަ ކަމެވެ. އެހެންޏާ ރޯދަމަހު ރާއްޖޭގެ އެކި ކަންކޮޅުތަކުން ވިއްކުމަށް ގެންނަ ކަރައާ އެއްވަރަށް ނުވަތަ އެއަށްވުރެ ގިނައިން އިންޑިއާ ކަރާ ލިބެން ހުރެއެވެ. ނަމަވެސް މިފަހަރުގެ ރޯދަމަސް ފެށުނުއިރު ގޮޅިތަކުގައި މުޅިންވެސް ފެންނަން ހުރީ ދިވެހި ދަނޑުގައި ހައްދާ ކަރައެވެ. ހާއްސަ ގޮތެއްގައި ކަރާ ހެއްދުމުގައި އެންމެ މަޝްހޫރު ތޮއްޑޫ ކަރައެވެ.
ރޯދަމަސް ފެށެން ކައިރިވިއިރު، ބާޒާރުގައި ކޮންމެވެސް ވަރަކަށް އިންޑިއާ ކަރާ ލިބެން ހުއްޓެވެ. ނަމަވެސް ރޯދަމަސް ފެށުމާއެކުހެން ބާޒާރުން ވަނީ އިންޑިއާ ކަރާ މުޅިންހެން ހުސްވެފައެވެ. ވޮއިސް އިން ބެލި ބެލުމުން އެނގުނު ރޯދައާ ދިމާކޮށް އިންޑިއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކަރާ އެތެރެކުރިއެވެ. ނަމަވެސް އެ ކަރާތައް ބާޒާރަށް ނުނެރެވި އުޅެނިކޮށް ކަރާތައް ވަނީ ހަލާކުވެފައެވެ. މިހާތަނަށް އިންޑިއާއިން ކަރާ ގެނައުމުގައި މޫސުން ގޯސްވުންވެސް ހިމެނެއެވެ.

ވޮއިސް އާ ވާހަކަދައްކަމުން އިންޑިއާއިން މޭވާ އާއި ތަރުކާރީ ގެންނަ ވިޔަފާރިވެރިއަކު ބުނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ ކަރާ ބާޒާރަށް ނެރެވޭ ވަރުވާނޭކަމަށެވެ. މޫސުން ރަނަގޅުނަމަ، މިހަފްތާގައިވެސް ކަރާ ގެނެވުނީސްކަން އޭނާ ފާހަގަކުރިއެވެ.

ދަތުރުވެރިންގެ މާރުކޭޓަށް ބަލާއިރު، މިވަގުތު މާރުކޭޓުގައި ގިނައިން ހުރީ ތޮއްޑޫއިން ގެނެސްފައި ހުރި ކަރައެވެ. ކަރާ ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާ އާއި 35 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ދަތުރުވެރިންގެ މާރުކޭޓަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ މިފަހަރު ރަން ކަރާ ބާޒާރުގައި ވިއްކަން ހުރުމެވެ. މި ބާވަތުގެ ކަރައަކީ އާއްމު ގޮތެއްގައި އެހާގިނައިން ހައްދާ ކަރައެއް ނޫނެވެ. ގަދަ ރީނދޫ ކުލައެއް ހުންނަ މި ކަރާގެ އެތެރެ ރަތްކުލައިގައި ހުންނައިރު މިއީ އާއްމުކޮށް ހުންނަ ކަރައަށްވުރެ މުރަނަ ކަރައެކެވެ. ދަތުރުވެރިންގެ މާރުކޭޓުގައި ރަން ކަރާކިލޯއެއްގެ އަހު ހުރީ 30 ރުފިޔާއަށެވެ.


ދަތުރުވެރިންގެ މާރުކޭޓުގައި އެއްޗެހި ވިއްކާ ވިޔަފާރިވެރިން ބުނާގޮތުގައި ކަރާ ކިލޯއެއް މިހާރު 25 ރުފިޔާ އާއި 35 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ވިއްކަމުންދިޔަ ނަމަވެސް އިންޑިއާއިން ކަރާ ގެނައުމާއެކު ކަރާގެ އަގުތަށް ދަށްވެގެން ދާނެއެވެ.

ކަރައަކީ ރޯދަމަހު ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތެވެ. ރޯދަމަހު ރޯދަވީއްލުމަށް އެންމެ ގިނަބަޔަކު ތައްޔާރުކުރާ އެއް ފަންޏަކީ ކަރާ ފަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް