ދޮންކަލޯ ލައިވްގައި ރެކޯޑެއް: 1.2 މިލިއަން ރުފިޔާ، އެތައްހާސް ބަޔަކު ބެލި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފައްޔާހް ހަސަން ފަޔާޒް [ދޮންކަލޯ] އަށް އެހީ ހޯދުމަށް މިރޭ ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވްގައި ރެކޯޑް އަދަދަކަށް ފައިސާ ލިބިއްޖެ އެވެ.
ޓިކްޓޮކްގެ ދިވެހި ކޮމިއުނިޓީން މިރޭ ކުރިއަށް ގެންދިޔަ ފަންޑްރެއިޒިން ހަރަކާތް ނިމުނުއިރު 1.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު ވަނީ ގިފްޓް ފޮނުވާފަ އެވެ.
މިރޭގެ ލައިވް ކުރިއަށްދިޔައިރު އެހެން ހާއްސަ ކަމެއް ވެސް ފާހަގަވި އެވެ. އެއީ ވަރަށް ގިނަ ބަޔަކު މެދުކެނޑުމެއް ނެތި ލައިވް ބަލަމުން ގެންދިއުމެވެ. ހުރިހާ ވަގުތެއްގައި ވެސް 12 ހާހަށް ވުރެ ގިނަ މީހުން ބަލަން ތިއްބެވެ.
ބައެއް ވަގުތުތަކުގައި 14 ހާހަަށް ވުރެ ގިނަ މީހުން ތިއްބެވެ.

މިރޭގެ ލައިވް އަކީ ދޮންކަަލޯ އަށްޓަކައި އޭނާގެ ބައްޕަ އިމާރަތް ކުރަން ފަަށާފައިވާ ގެ ނިންމަން ފަންޑު ހޯދަން ކުރިއަށް ގެންދިޔަ ލައިވް އެކެވެ.
ދޮންކަލޯގެ ވާހަކަ ސަމާލު ކަމަށް އައީ އޭނާގެ ބައްޕަ ފަޔާޒް ހަސަން، ޓިކްޓޮކްގައި ލައިވްގެ އަދި އާންމު ކުރަމުންދިޔަ ވީޑިއޯތަކުގެ ސަބަބުންނެވެ. ދަރިފުޅުގެ މައްޗަށް ފަޔާޒްގެ ހިތުގައި އޮތް ހާއްސަ ލޯއްބާއި ބަހައްޓާ ގާތްކަމާއި އޯގާތެރިކަން އެ ވީޑިއޯތަކުން ފެނެ އެވެ.
އެހެން ކަމުން ފަޔާޒްގެ ވީޑިއޯތަކަށް އާންމުންގެ ވަރަށް ބޮޑު ސަމާލު ކަމެއް ލިބިފައިވެ އެވެ.
ފައްޔާހް، ދޮންކަލޯގެ ނަމުގައި މަޝްހޫރުވީ އޭނާގެ ބައްޕަ، ފަޔާޒް މުޅީން ވެސް މުހާތަބު ކުރަނީ އެގޮތަށް ކަމަށް ވުމުންނެވެ. ފައްޔާޙް ކުޑައިރު ބެލީ އޭނާގެ މަންމަ އެވެ. ނަމަވެސް އޭނާގެ ބައްޕަގެ ބެލުމުގެ ދަށުގައި ބ. ހިތާދޫގައި ދިރިއުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް