ކަޝްމީރުގެ މައްސަލައިގައި އިންޑިޔާއާއި ޕާކިސްތާނުން ރާއްޖޭގެ މަޖިލީހުގައި ޒުވާބަކަށް!
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާރު ފެށިގެން ކުރިއަށްދާ ސައުތު އޭޝިޔަން ސްޕީކާސް ސަމިޓްގައި އިންޑިޔާއާއި ޕާކިސްތާނުން ހޫނު ޒުވާބަކަށް ގޮސްފިއެވެ.
ކަޝްމީރުގެ މައްސަލައިގައި ދެގައުމުން ބޮޑު އަރައިރުމަކަށް ގޮސްފައިވަނީ މި ސަމިޓްގައި ޕާކިސްތާނުގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ގާސިމް ޚާން ސޫރީ ދެއްކެވި ވާހަކަފުޅުގެ ސަބަބުންނެވެ.
ގާސިމް ޚާންގެ ވާހަކަފުޅުގެ ވަކި ހިސާބަކުން ކަޝްމީރުގެ މައްސަލަ ނަންގަވައި، އެތަނުގައި މުސްލިމުންނަށް ހައްދެއް ނެތި އަނިޔާ ލިބެމުންދާކަމަށް ފާހަަގަކުރެއްވުމުން އިންޑިޔާގެ ވަފުދުން ވަނީ މައްސަލަ ޖައްސަން ފަށާފައެެވެ. މި ހިސާބުން ގާސިމް ޚާންގެ ވާހަކަފުޅު މެދުކަނޑާލެއްވުމަށް ރިޔާސަތުން އެންގެވިއެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އައިޕީޔޫގެ ގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުން ގޮން ގެ ބަސްފުޅަށް އަޑުއެެއްސެވުމެއް ނެތި ގާސިމް ޚާން ވަނީ ވާހަކަފުޅު ކުރިއަށް ގެންދަވާފައެވެ.
ގާސިމް ޚާން މިހެން ހެއްދެވުމުގެ ސަބަބުން ރައީސް ނަޝީދަށް ތަންކޮޅެއް ބާރަށް "އޯޑަރ" އޭ ވިދާޅުވާން ޖެހުނެވެ. މި ހިސާބުން ގާސިމް ޚާން ވަނީ ވާހަކަފުޅު ހުއްޓަވާލައްވާފައެވެ.
ނަމަވެސް ދެން އިންޑިޔާގެ ޑެލިގޭޓްއަކާއި ޕާކިސްތާނުގެ ޑެލިގޭޓްއަކު ވަނީ ޒުވާބުކުރަން ފަށައިފައެވެ. މި ޒުވާބު ނުހުއްޓިގެން ރައީސް ނަޝީދު ވަނީ އެ ބައްދަލުވުން މެންދުރުގެ ކެއުމަށް މެދު ކަނޑާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް