އެމްޓީސީސީގެ ބަހަކުން ހިނގި ދެވަނަ މަރު!
ދުނިޔޭގެ ގިނަ ގައުުމުތަކުގައި ސަރުކާރުގެ ކުންފުނިތަކުން ނުވަތަ ސަރުކާރުގެ ފަރާތުން ސަބްސިޑީ ދީގެން އަމިއްލަ ކުންފުނިތަކުން އާންމު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެއެވެ. ދިވެހިރާއްޖެއަކީ ނިސްބަތުން ކުޑަ ގައުމެއްނަމަވެސް، ދިވެހިރާާއްޖޭގައިވެސް ހަމަ ބީދައިން ގިނަ އަދަދެއްގެ ރައްޔިތުންނަށް އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދެއެވެ. މިގޮޮތުން ދިވެހިރާއްޖޭގައި ބަހާއި ފެރީގެ ޚިދުމަތް އެންމެ ފުޅާ މިނެއްގައި ފޯރުކޮށްދޭ ކުންފުންޏަކީ ސަރުކާރުގެ ހިއްސާ އޮންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އެވެ.
އެމްޓީސީސީން ގްރޭޓާ މާލެ ސަރަަހައްދުގައި ފޯރުކޮށްދޭ އާންމު ދަތުރުފަތުރުގެ ޚިދުމަތުގެ އެންމެ ގިނަބަޔަކު އެކަމަށް ބަރޯސާވާ އެއް ޚިދުމަތަކަށް ވާނީ ބަހުގެ ޚިދުމަތެވެ. ހުޅުމާލޭގައި މީހުން އާބާދުވާން ފެށި ދުވަސްވަރާއި ކައިރިން ފެށިގެން އެރަށަށް ފެރީން ޒިޔާރަތްކުރާ ފަރާތްތަކަށް އެކުންފުނިން ދަނީ ބަހުގެ ޚިދުމަތް ލިބެމުންނެވެ.
މި ޚިދުމަތަށް ގިނަ އަހަރުތަކެއް ވެފައިވާއިރު، މި ޚިދުމަތް މިހާރު ދެމުން ގެންދަނީ ދުނިޔޭގެ ގިނަ ޝަހަރުތަކުގައި ބޭނުންކުރާފަދަ އެންމެ ޒަމާނީ އަދި އެއަރ ކޮންޑިޝަންކޮށްފައިވާ މެޓްރޯ ބަހެއްގައެވެ. މި ޚިދުމަތްތައް ފޯރުކޮށްދޭ ބަސްތަކުގެ ފެންވަރު ރަނގަޅުވިޔަސް، ފަހަކަށް އައިސް މި ބަސްތަކުގެ ޚިދުމަތުގެ ސަލާމަތީ ފެންވަރާއި މެދު މިވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ.
ރޭގެ ވަގުތެއްގައި ގިނަ ދިވެހިންގެ ހިތްތަކަށް ސިހުން ގެނުވި ޚަބަރަކީ ހުޅުމާލެއިން ހުޅުލެއަށްދާ ހައިވޭ ފެށޭ ސަރަހައްދުގައި އެމްޓީސީސީގެ ބަހަކާާއި ސައިކަލެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ ޚަބަރެވެ. މި ހާދިސާގައި 13އަހަރުގެ އަންހެން ކުއްޖަކު ވަނީ މި ދުނިޔެއާއި އަލްވަދާއު ކިޔާާފައެވެ. ކުޑަ ކުއްޖަކު މި ދުނިޔެއާއި ވަކިވެގެންދިޔައީ ވޭންދެނިވި މަރަކުންނެވެ. އެ ކުއްޖާގެ ކުށެއް ނެތިއެވެ. އެހެނަސް، އެ ބަހުގެ ޑްރައިވަރު އެކަމަށް ފަރުވާލެއް ނެތި އެ ސަރަހައްދު ދޫކޮށް ދިޔައީއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.
މިއީ މި އަހަރުގެ ތެރޭގައި އެމްޓީސީސީގެ ބަހަކުން ދިމާވި ދެވަނަ މަރެވެ. އެގޮތުން މިއަހަރުގެ ރަަމަޟާން މަހުގެ ފުރަތަމަ ދުވަހުގައިވެސް ވަނީ ބަހެއްގެ ދަށުގެ ފަތުރުވެރިއަކު މަރުވެފައެވެ. އެ ހާދިސާ ހިނގިތާ މާ ގިނަ ދުވަހެއް ނުވެ، އަނެއްކާވެސް ޑްރައިވަރަކު ނިދިޖެހުމުގެ ސަބަބުން ބަހަކާއި ކާރެއް ވަނީ އެކްސިޑެންޓްވެފައެވެ.
މި ހާދިސާތަކާއި އެކު، ބަސްތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރާނެކަމުގެ ޔަގީންކަން އެމްޓީސީސީން ދިނެވެ. އެހެނަސް އެ ޔަގީންކަމާއި މެދު ރޭގެ ހާދިސާއިން އަނެއްކާ މިވަނީ ސުވާލު އުފެދިފައެވެ. މިއީ ޑްރައިވަރުންގެ މައްސަލައެއްބާއެވެ؟ ނޫނީ ކުންފުނީގެ މައްސަލައެއް ބާވައެވެ؟ ކޮންމެ ގޮތަކަށް ވިޔަސް ގެއްލުން ލިބެމުންދަނީ އާންމުންނަށެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް "ވޮއިސް" އިން އެމްޓީސީސީގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގައި މިފަދަ ހާދިސާތަކާއި ގުޅިގެން ކުންފުނިން އެތެރޭގެ ތަހުޤީގެއްކޮށް އެ މައްސަލައިގެ އިންސިޑެންޓް ރިޕޯޓް ޢާންމުކުރާނެއެވެ. އަދި އެފަދަ ކަމެއް ކުރިމަތި ނުކުރުވުމަށް އިތުރު ފިޔަވަޅު އަޅާ އެ ކަންތައްތައްވެސް ޢާންމު ކުރާނެއެވެ. ނަމަވެސް އެމްޓީސީސީގެ ފަރާތުން މިފަދަ ކަމެއް ފެންނަން ނެތުމުން އެފަރާތުގެ ޚިދުމަތާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް