ރާއްޖެއާ ބަހްރެއިންއާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއް އެކުލަވާލައިފި
ރާއްޖެއާ ބަހްރެއިންއާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
ރާއްޖޭގެ ފަރާތުން އެ އެބަސްވުމުގައި ސޮއިކުރެއްވީ ކެނެޑާގެ މޮންޓްރިއާލްގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން(އިކާއޯ)ގެ 40 ވަނަ އާންމު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް މޮންޓްރިއާލްއަށް ވަޑައިގެން ހުންނެވި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ. އަދި ބަހްރެއިން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓޭޝަން އެންޑް ޓެލެކޮމިއުނިކޭޝަން މރ.ކަމާލް ބިން އަހުމަދު މުހައްމަދެވެ.
މި އެއްބަސްވުމަކީ ރާއްޖެއާ ބަހްރެއިންއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް މަގުފަހި ކުރުވުމަށް 1995 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 18 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެކުލަވާލައި ރަމްޒު ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރިއިރު، ބަހްރެއިންގެ ގައުމީ އެއާލައިން ކަމަށްވާ "ގަލްފްއއެއާ"އިން ބަހްރެއިންއާ ރާއްޖެއާ ދެމެދު ދަތުރު ފެށުމުގެ ހުއްދައަށް ވަނީ އެދިފައެވެ. ގަލްފް އެއާއިން މިއަންނަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ފަށަން ހަމަޖެހިފައިވާ ފްލައިޓްތައް އޮޕަރޭޓް ކުރާނީ ބަހްރެއިންއާ މާލެއާއި، މާލެއާއި ކޮލަމްބޯއާއި، މާލެއާ ބަހްރެއިންއާ ދެމެދުއެވެ. އެގޮތުން ހަފްތާއަކު ހަ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއާ ބަހްރެއިންއާއެކު މިއަދު ސޮއިކުރި އެއްބަސްވުމާއެކު މިހާތަނަށް ރާއްޖެއާ ބޭރުގެ 47 ގައުމަކާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ގާއިމް ކުރެވިފައިވާ ކަަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ. އަދި އެ އެއްބަސްވުންތަކުގެ ދަށުން 21 ގައުމެއްގެ 29 އެއާލައިނެއް އަންނަނީ ރާއްޖެއަށް އޮޕަރޭޓް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް