ތުހުމަތުތަކަށް އިންކާރުކުރަން: ޝަކީބް
ޑިޕާރޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓަރ ޖެނެރަލް އަދި މަޝްހޫރު ޓީވީ ޕްރެެޒެންޓަރ އަހުމަދު ޝަކީބްގެ މައްޗައް އެއޮފީހުގެ މުވަޒަފުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާކަމަށް ޝަކީބް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިމިވަނީ "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މައްސަލަތައް ފެންމަތިވެފައިމިވަނީ، ޝަކީބް މަގާމުން ވަކިކޮށްދިނުމަށް އެދި އެތަނުގެ ބައެއް މުވައްޒަފުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއަށް ސިޓީ ހުށައެޅި ހިސާބުންނެވެ.
ޝަކީބްގެ މައްޗައް މައްސަލަތަކެއް ހުށަހަޅާފައި މިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ސަސްޕެންޑްކޮށްފައިވަނިކޮށެވެ.
ޝަކީބްގެ މައްޗަށް ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ މުވައްޒަފުންނާއި މެދު ތަފާތުކުރުން ގެންގުޅުމެވެ. އެގޮތުން އެ މުވައްޒަފުން ވަނީ ޝަކީބްގެ އަނބިކަނބަލުން އަދި ޑީޕީއީގެ އެގްޒަމިނޭޝަން އޮފިސަރ އުމްނިޔާ މުސްތަފާއާާއި، އެހެނިހެން މުވައްޒަފުންނާއި ދެމެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ފާހަގަކޮށްފައެވެ.
މިގޮތުން ބަލާލާއިރު، އެހެން މުވައްޒަފަކަށް ކުޑަ ވެސް އޮޅުމެއް ނޫނީ ކުށެއް ކުރެވޭއިރަށް އެކަން ސީރިއަސްކޮށް ބަލައި ބަޔާން ނަގައި ހަދާ ކަމަށާއި ނަމަވެސް އުމްނިޔާ މުސްތަފާގެ އިހުމާލުން ކަމެއް ވިޔަސް އެ މައްސަލައެއް ނުބަލާ ޝަކީބު ހުއްޓުވާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މި ސިޓީގައި މުވައްޒަފުންވަނީ އެމީހުންގެ މެދުގައި އޮންނަ ތަފާތުކުރުންތަކުގެ ސަބަބުން އެފަރާތްތަކަށް ނަފްސާނީ އަނިޔާތައްވެސް ލިބެމުންދާކަމަށް ފާހަގަކޮށްފައެވެ.
މީގެ އިތުރުން ރަސްމީ ދަތުރުފުޅުތަކުގައި އަރިހުގައި ގެންދަވަނީ ހަމައެކަނި އުމްނިޔާ ކަމަށާއި، ރަސްމީ ދަތުރުތައް އަމިއްލަ ދަތުރުތަކަކަށް ޝަކީބް ހަދާފައިވާކަމަށްވެސް މުވައްޒަފުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް