ބައިނަލްއަގްވާމީ މީޑިއޭޝަން އެއްބަސްވުމުގައި ރާއްޖޭއިން ސޮއިކޮށްފި
ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގް ފްރޮމް މީޑިއޭޝަން (ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަން) ގައި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި އޮތް މި މުއާހަދާ އިފްތިތާހުކުރުމުގެ ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.
މިކަމާއި ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުުނު ބަޔާނެއްގައި ބުނެފައިވަނީ މުއާހަދާގައި ރާއްޖެއިން ސޮއި ކުރިޔަސް، އެ މުއާހަދާ ތަންފީޒު ކުރަން ފަށާނީ އެކަމާ ބެހޭ ގާނޫނެއް ހެދުމަށް ފަހު ކަމަށް ވާތީ އެ ގާނޫނުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓް ތަކަށް ރައްކާތެރި މާހައުލެއް ގާއިމު ކުރުމާއި، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަކީ ސަރުކާރުގެ އަމާޒަކަށް ވީހިނދު، މި މުއާހަދާގައި ސޮއި ކުރުމުގެ ސަބަބުން އެ އަމާޒަށް ވާސިލު ވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
މި މުއާހަދާގައި ރާއްޖޭގެ އިތުރުން 45ގައުމަކުން ވަނީ ބައިވެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް