ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ކުންފުންޏެއް އުފައްދައިފި
ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމަށްޓަކައި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން މިއަދު އުފައްދަވައިފިއެވެ.
މި ކުންފުނި އުފައްދާފައިވަނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2019 އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުންނެވެ.
މި ކުންފުނި އުފެއްދެވީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އެކަމަށް ޚާއްޞަކޮށްފައިވާ ކުންފުންޏެއް ގާއިމުކުރުމަކީ މުހިއްމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އެގޮތުން ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއްފުރާޅެއްގެ ދަށުން ހިންގުމާއި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ކުރިމަގުގައި ހިންގާނެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށާއި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ފަދަ ކަންކަން މިކުންފުނިން ކުރާނެއެވެ.
މީގެ އިތުރުން މާލީ ހާލަތު ދަށް ފަރާތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާނީ މި ކުންފުނީގެ ދަށުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް