ޕީޖީ ކަމަށް ޝަމީމު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އަލްއުސްތާޛު ހުސައިން ޝަމީމު، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝަމީމު، އެމަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރުހުން ދެއްވީ 74 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެ ވަޑައިގަތީވެސް 74 މެންބަރުންނެވެ.
ޕީޖީކަމުގެ މަގާމު މިދިޔަ ބުރާސްފަތި ދުވަހު ހުސްވީ އެ ދުވަހާ ހަމައަށް އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ. އަދި އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝަމީމާއެކު ތިން ބޭފުޅުން ކުރިމަތިލެއްވިއެވެ.
އެއީ ޝަމީމުގެ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން މި އަހަރުގެ ތެރޭގައި އިސްތިއުފާ ދެއްވި މަރިޔަމް ނިހާޔަތާއި ވަކީލު އަހުމަދު ޒަނީނެވެ.
ނަމަވެސް އެބޭފުޅުންގެ ތެރެއިން ޕީޖީ ކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވީ ޝަމީމުގެ ނަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް