ތިލަފުއްޓަށް މައި ވިޔަފާރި ބަނދަރު ބަދަލުކުރަނީ
ކުރިއަށް އޮތް ދެތިން އަހަރުދުވަހުގެ ތެރޭގައި މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް އެ ބަނދަރު ބަލަހައްޓާ ކުންފުނިކަމުގައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ޝާހިދު މި މޭރުމުން ވިދާޅުވީ މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ މާލޭ ވިޔަފާރިވެރިންގެ ބަނދަރަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާކަމަށާއި ނަމަވެސް އެ ބަނދަރު ބޮޑުކުރެވެން ނެތްކަމަށެވެ. އެހެންކަމުން މިކަމަށް އޮތް ފުރިހަމަ ހައްލަކީ ތިލަފުށީގައި ބޮޑު ސަރަހައްދެއް ހަދައި، މައި ބަނދަރު އެތަނަށް ބަދަލުކޮށްގެންކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ މަޝްވަރާތައް ފެށި، ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ބަނދަރު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށޭވަރުވާނެކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.
ސީއީއޯ ޝާހިދު ވަނީ ބަނދަރުގައި ޖާގަކުޑަވުމުގެ ސަބަބުން އެކަށީގެންވާ މިންވަރެއްގައި ޚިދުމަތްތައް ނުދެވޭކަމަށް ވިދާޅުވެފައެވެ. އަދި ޖާގަކުޑަވުމުގެ ސަބަބުން ހިދުމަތްދިނުން ލަސްވެ މުދާ ކޮންޓެއިނަރތައް ހުސްކުރުމަށް ގިނަދުވަސް ނަގާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިކަމަށް ވަގުތީ ގޮތުން ހައްލެއް ހޯދުމަށްޓަކައި ހަލާކުވެފައި ހުރި ވެހިކަލްތަކާއި އިކުއިޕްމެންޓް މަރާމާތު ކުރަމުން އަންނަ ކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ. އަދި އިތުރު އިކުއިޕްމެންޓް ހޯދަން ވެސް މަސައްކަތް ކުރާކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް