ހެލްމެޓް އެޅުން މަޖުބޫރުވާ ތާޜީޚު ފަސްކޮށް، ޝަރުތުތަކެއް ހިމަނައިިފި
ތިރީސް ކިލޯ މީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވާއިރު ހެލްމެޓް އެޅުން މަޖުބޫރުވާ ތާރީޚް ފަސްކޮށް، އެ ހެލްމެޓްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ހާމަކޮށްފި އެވެ.
މީގެ ކުރިން ބުރިޖް ހުރަސް ކުރާއިރު ހެލްމެޓް އެޅުން މާޗު މަހު 10 ވަނަ ދުވަހުން ފެށިގެން މަޖުބޫރުކުރުމަށް އޮތީ ނިންމާފައެވެ. ނަމަވެސް އިއްޔެ އާންމުކުރި އެ ގަވާއިދުގެ އިސްލާހުގައިވާ ގޮތުގައި އެ ގަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހު 10 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނީ، އެޕްރީލް މަހުގެ އެއްވަ ދުވަހުން ފެށިގެންކަން ފާހަގަކޮށްލެވެއެވެ.
އިއްޔެ އާންމުކުރި ގަވާއިދުގައި ވަނީ ދުއްވާއިރު އަޅާ ހެލްމެޓްގައި ވަކި ޝަރުތުތަކެއް ހަމަވާން ޖެހޭނެކަމަށް އަންގާފައެވެ.
އެގޮތުން:
1. ބޮލަށް ހެޔޮވަރު ހެލްމެޓަކަށް ވުން
2. ދަތްދޮޅިދަށުން ހަރުކުރެވޭގޮތަށް ހާއްސަ ކަމަރެއް ހުރުން
3. ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި ތޫނު އެއްޗެއް، ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ނުވުން
4. ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ވުން
5. ހެލްމެޓުގެ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވުން.
6. ހެލްމެޓުގެ ކުލައަކީ ލޮލަށް އުނދަގޫ ނުވާފަދަ ކުލައަކަށްވުން
7. ހެލްމެޓު އެޅުމުން ކާކުކަން ނޭންގޭގޮތަށް މޫނު ނުފޮރުވޭ ހެލްމެޓަކަށް ވުން، ހިމެނެއެވެ.
މި ޤަވާއިދުގައި ބުނެފައިވާގޮތުގައި މި ޤަވާއިދާ ހިލާފަށް ދުއްވާ ފަރާތްތައް ފުރަތަމަ ފަހަރަށް 500 ރުފިޔާ އިން ދެވަނަ ފަހަރު 750 ރުފިޔާއިން އަދި ފަހުން ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް