ސިޔާސަތުތައް ބައްޓަންކޮށްފައިވާނީ ޒުވާނުންގެ އުންމީދުތައް ފުރިހަމަވާގޮތަށް: ރައީސް ޞާލިހު
މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާނީ ޒުވާނުންގެ އުންމީދުތައް ފުރިހަމަވާގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ މި ޤައުމުގެ ޒުވާނުންގެ މުސްތަޤުބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ވިސްނައިގެންކަންކަމަށެވެ. މިގޮތުން، ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މައިންބަފައިންނާ ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަމިއްލަ ވިޔަފާރިވެރިއަކަށް ސަލާން ނުޖަހައި ކިޔަވާ ނިމިގެން، މަތީ ތަޢުލީމާ ތަމްރީނު ލިބޭނެ މަގަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރާ ބަޔަކީ ޒުވާނުންކަމުގައި ވާއިރު ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާގެ މައްސަލަތައްކަމަށާއި، ވަޒީފާ ނެތް ޒުވާނުން ނިސްބަތުން ގިނަކަމުގައި ހާމަކުރެއްވިއެވެ.
"މިގޮތުން ބަލާއިރު، އަންހެނުންގެ ތެރޭގާ ވަޒީފާގެ ބާޒާރަށް ނުނިކުމެވިފައިވާ ފަރާތްތަކުގެ ޢަދަދު ނިސްބަތުން ފިރިހެނުންނަށްވުރެ އިތުރު. މިކަން އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ. ޒުވާނުން ވަޒީފާގެ ބާޒާރަށް އެބަ ނުކުންނަށްޖެހޭ. ހަމައެހެންމެ، ވަޒީފާދޭ ފަރާތްތަކުން ފްލެކްސިބަލް ގޮތްތަކެއްގެ ތެރެއިން އަންހެނުން ވަޒީފާއަށް ނުކުތުމަށް މަގުތައް ކޮށާދޭންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް