އަދީބުއަށް ޖަލުގައި އެކަށީގެންވާ ފަރުވާއެއް ނުދެވޭ: އާއިލާ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައި ހުންނަވަނިކޮށް ހޭނެތިގެން ވެއްޓުނު އިރު، އެބޭފުޅާއަށް ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބޭކަމަށް އަދީބުގެ އާއިލާއިން ބުނެފިއެވެ.
އެ އާއިލާއިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެބަޔާނުގައި އަދީބުގެ އާއިލާއިން ބުނީ 25 ޖެނުއަރީ 2019 ވަނަ ދުވަހުރޭ މެންދަމު 12 ޖަހާކަށް ހާއިރު، އަދީބު ހައްޔަރުގައި ހުންނެވި ގޮޅީގެ ފާހާނާގެ ތެރެއަށް ހޭނެތިގެން ވެއްޓުނުކަމަށާއި އަދި އަދީބަށް ހޭވެރިކަން ވީއިރު، އަދީބުގެ ބޮލުގެ ނިތްކުރި ނޫފައިގެންފައި ހުރުމުގެ އިތުރުން ނޭފަތުން ލޭ އައިސްފައިވާ ކަމަށެވެ.
އެހެންކަމުން އަދީބަށް އެހީތެރިކަމެއް ނުލިބިފައި ވަނިކޮށް، އަމިއްލައަށް ތެދުވެގެން ގޮސް، ޖަލުގައި ބެހެއްޓިފައި ހުރި ސީ.ސީ.ޓީ.ވީ ކެމެރާއަށް ހަނާ އަޅާ، ޖަލު އޮފިސަރުންގެ ސަމާލުކަމަށް އެކަން ގެނައުމުން، އަދީބު ޖަލު ގޮޅީގައި ބަހައްޓައިގެން ޖަލުގެ ޑޮކްޓަރު ފަރުވާ ދެމުންދިޔަކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެވަގުތު އަދީބަށް އިތުރަށް ފަރުވާދިނުމަށްޓަކައި އައި.ޖީ.އެމް.އެޗަށް ގެންދަން ޖެހޭ ކަމަށް އެ ޑޮކްޓަރަށް ފެންނާތީ އެކަން ޖަލުގެ އިސްވެރިންނަށް އެންގި ނަމަވެސް، އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށް ވަނީ ބުނެފައެވެ.
އަދީބު މިއަދު ހެނދުނު އައިޖީއެމްއެޗްއަށް ގެނެވެންދެން ސިއްހީ މަރުކަޒަކަށް ނުގެންގޮސް، ޖަލު ގޮޅީގައި ބާއްވާފައި އޮތީ ކީއްވެގެންތޯ އާއިލާއިން ވަނީ މި ބަޔާނުގައި ސުވާލުއުފައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް