ޑރ. ޖަމީލުގެ ސުވާލެއް ސަރުކާރަށް: އިންތިހާބަށް މިފަހަރު އޮތް އެޖެންޑާއަކީ ހަރުކަށި ފިކުރުގެ އެޖެންޑާތޯ
ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، 2014 ވަނަ އަހަރު ދަރުމަވަންތަ މިސްކިތުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރި މީހުންގެ ދިފާއުގައި އެމްޑީޕީން ނުކުތީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.
އަދި އެއީ ހަރުކަށި ފިކުރަށް ނުވަނީތޯ ސުވާލު ކުރައްވައި ޖަމީލު ވަނީ ދައްކާނެ ތަރައްގީގެ ކަމެއް ނެތުމުން މިފަހަރު ލޯކަލް ކައުންސިލުގެ އިންތިހާބަށް އޮތް އެޖެންޑާއަކީ ހަރުކަށި ފިކުރުގެ އެޖެންޑާތޯ ސުވާލު ކުރައްވައިފައެވެ.
ކޯޓު އަމުރެއްގެ ދަށުން މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނުގައި މިހާތަނަށް ނުވަ ގެޔަކާއި ދޯންޏެއް ބަލައި ފާސްކޮށްފައި ވެއެވެ. މިއޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ވެކްސިން ދިނުމަށް ދެކޮޅު ހެދުމުން ތުއްތު ކުއްޖަކު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ.
އެގޮތުން ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމު ހާސިލު ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުނެއެވެ. އޭގެއިތުރުން ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމުކޮށް، އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް