މަސްވެރިންގެ ޕާކްގެ ޓުއަރިސްޓް ޓާމިނަލް މާލޭ ސިޓީ ކައުންސިލާއި ހަވާާލުކޮށްފި
އެމްޑަބްލިޔުއެސްސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން މަސްވެރިންގެ ޕާކްގައި ތަރައްގީކުރި ޓުއަރިސްޓް ޓާމިނަލް މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ.
ކްރޫޒް ލައިނާާތަކުން އަންނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ތަރައްގީކުރެވުނު މި ޓާމިނަލް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ މިއަދު އެ ސަރަހައްދުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ މޫސުން ރަނގަޅުވިހާ އަވަހަށް މިތަން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިތަނުގައި ގާއިމްކޮށްފައިވާ ފާހަނާ ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ނަގާނެ އަގެއް އަދި ކަނޑައަޅާފައިވާ ނުވާކަމަށް ޝިފާ ވިދާޅުވިއެވެ.
މިތަނުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާހަނާ ގާއިމްކޮށްފައިވާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އެތަން ބޭނުން ކުރެވޭނެއެވެ. އަދި މީގެ އިތުރުން ގެސްޓް ރިލޭޝަންސް އޮފީހަކާއި ރެސްޓް އޭރިޔާއެއްވެސް މި ޓޫރިސްޓް ޓާމިނަލްގައި ހިމެނެއެވެ.
ފާާހަގަކޮށްލެވޭ ގޮތުގައި މިތަން ތަރައްގީކޮށްފައިވާ ގޮތާއި މެދު ބައެއް ޓުއަރ އޮޕަރޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެތަނުން އެއްފަހަރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ޚިދުމަތް ދެވިދާނެތޯ ވަނީ ސުވާލު އުފައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް