ދެ ފޯސް އެއްކޮށް މަޑުއްވަރީއަށް އެރުމުން އެރަށުގެ ނަން ކިލަނބުވެއްޖެ: އާދަމް ޝަރީފު
ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި ރ. މަޑުއްވަރީއަށް، ސިފައިންނާ ފުލުހުން އެއްފަހަރާ އެރުމުން އެރަށުގެ ނަން ވަރަށް ބޮޑަށް ކިލަނބުވެގެން ހިނގައްޖެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން ހިންގާ ހާއްސަ އޮޕަރޭޝަނާއި ގުޅިގެން އެދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްރަށެކޭ އެއް އުސޫލުން އެރަށުގައި ވެސް ހަރުކަށި ފިކުރުގެ މީހުން ނޫޅޭކަމަށް ވިދާޅުވާން ނުކެރޭނެ ކަމަށެވެ.
ނަމަވެސް ކުއްލި އަކަށް ސަލާމަތީ ބާރުތަކުން އެރަށަށް އަރައި ހިންގާ އޮޕަރޭޝަނުގެ ސަބަބުން ރަށުގެ ނަން ވަރަށް ބޮޑަށް ކިލަނބުވެ، ބަދުނާމުވެއްޖެ ކަމަށެވެ. އެކަމާ ރައްޔިތުން ހިތާމަކޮށް، ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
''ދީނީ ހައްދުފަހަނަ އަޅައި ދިއުމުގެ ފިކުރު ނެތެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ދެ ފޯސް އެއްފަހަރާ އަރައިގެން މިކުރެވޭ ކަންތައްތަކުގެ ސަބަބުން ޝައްކެއްނެތް ގޮތުގައި އެރަށުގެ ނަން މިއަދު މިވަނީ ވަރަށް ބޮޑަށް ބަދުނާމުވެފައި. މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް. އެރަށު ރައްޔިތުންނަނީ އެރަށު މީހުންގެ ކަންތައްތަކާވެސް ވަރަށް ބޮޑަށް ސަހަރޯވެރިވާ، އެރަށް ތަރައްގީކޮށް ކުރިއަރުވަން ބޭނުންވާ ބައެއް.'' އާދަމް ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއޮޕަރޭޝަނުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނީ ވަރަށް ބޮޑު ނިކަމެތިކަމަކާއި ފަޅުކަމެއް ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ ރަށްރަށުގައި އެފަދަ ކަންކަން ހިނގާ ނަމަ އަމަލުކުރަންޖެހޭނެ އުސޫލުތަކެއް ހުންނާނެ ކަމަށާއި ނުރައްކާތެރި ހަމަލާއެއް ދޭނެ ކަމުގެ އިޝާރާތެއް ލިބިއްޖެނަމަ، ސަލާމަތީ ހިދުމަތްތަކުންވެސް އެރަށަކަށް ހުޝިޔާރުވެ، އަރައި ހިންގަންޖެހޭ ހަރަކާތެއް ހިންގަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެގޮތުން މިހާތަނަށް މަޑުއްވަރީގައި އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތަށް ވެސް ބަޔަކު ހިފާ ހައްޔަރުކޮށްފައި ނުވާކަމަށާއި އޮޕަރޭޝަނުގައި ހައްޔަރުކުރީ ހަރުކަށި ފިކުރުފަތުރާކަމުގެ ތުހުމަތު ކުރެވޭ މީހުން ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މަޑުއްވަރީގައި މިއަދު ސަލާމަތީ ބާރުތަކުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައިފައެވެ. މި އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހުން ހައްޔަރުކުރީ ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް