ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ދެ ނަމެއް ހުށަހަޅައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑަށް ސަރުކާރުން ދެ ނަމެއް ހުށަހަޅައިފިއެވެ.
ބޯޑުގެ ހުސްކޮށް ހުރި މަގާމުތަކަށް އައްޔަނުކުރަން ސަރުކާރުން މުހައްމަދު ޝާހިދު އާއި އަލީ އިރުފާނުގެ ނަން ފޮނުވާފައިވާކަން ބީއެމްއެލް އިން ކުރި އިއުލާނެއްގައި ވަނީ ހާމަކޮށްފައެވެ.
މި ދެބޭފުޅުންގެ ތެރެއިން މުހައްމަދު ޝާހިދަކީ، މޯލްޑިވްސް ޕެންޝަން އޮފީހުގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މީރާގައި އެކި ޑިޕާޓްމަންޓްތަކުގެ ޑިރެކްޓާ ޖެނެރަލް ފަދަ އިސް މަގާމުތައް އަދާކުރައްވާފައެވެ.
އަލީ އިރުފާން، ވަނީ މީގެ ކުރިން މާލީ ދާއިރާގެ ތަފާތު މަގާމުތައް ފުރުއްވާފައެވެ. އޭނާ އަކީ މިހާރު ވެސް ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރީފޯމްގެ ޕްރޮޖެކްޓް ޑިރެކްޓަރެވެ.
ބީއެމްއެލްގެ ބޯޑަށް ބަދަލު ގެނައުމަށް މި މަހުގެ 21 ވަނަ ދުވަހު ހިއްސާދާރުންގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް