ސްޓޭޓް މިނިސްޓަރ ޚަލީލް އދ.ގެ ސްޕެޝަލް ރެޕެޓުއަރ އާއި ބައްދަލުުކުރައްވައިފި
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހްމަދު ޚަލީލް އާ، އ.ދގެ ޚާއްސަ ރެޕަޓުއަރ ނިލްޒް މެލްޒާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދު ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުކުރެއްވުމުގައި އދ. ގެ ޚާއްސަ ރެޕަޓުއަރ ވަނީ އޭނާގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ސްޓޭޓް މިނިސްޓަރ ޚަލީލާ ހިއްސާ ކުރައްވާފައެވެ. އަދި ބަންދުގައި ތިބޭ މީހުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއިމެދު ދިވެހި ސަރުކާރުގެ އަމަލުތައް ބަހައްޓާގޮތުގައި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ ބަންދުގައި ތިބޭ މީހުންގެ ކަންތައް ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއަށް ބައެއް ކަންތައް ބައްޓަންކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން ސްޕެޝަލް ރެޕަޓުއަރ ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރން ރާއްޖޭގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ގައިދީންގެ ކަންތައް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތަކުގެ މައްޗަށް ސްޕެޝަލް ރެޕަޓުއަރ ތައްޔާރުކުރައްވާ ރިޕޯޓުގައި ހުށަހަޅާ ކަންތައްތައް ދިވެހި ސަރުކާރުން ބަލައިގަނެ، އިސްލާހުކުރުމަށް ހުށަހަޅާ ކަންކަން އިސްލާހުކުރާނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ވިދާޅުވި އެވެ.
ލާއިންސާނީ އަދަބުތަކާއި ބެހޭ އދގެ ސްޕެޝަލް ރެޕަޓުއަރގެ ޓީމް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކަމާއި ބެހޭ އެކި ފަރާތްތަކާއި ބައްދަލުކުރައްވައި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވިއެވެ.
ދިވެހިރާއްޖޭގައި އިންސާނީ ހައްގުތަށް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓުމުގައި ކުރެވިދާނެ ކަންކަންދެނެގަނެ އެކަމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުން އެކަށައަޅާފައިވާ މިންގަނޑަށް ފެއްތުމަށްޓަކައި ދިވެހި ސަރުކާރުން ދަނީ އެކައުންސިލާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި، ސްޕެޝަލް ރެޕަޓުއަރގެ ރިޕޯޓްގައިވާ ފާހަގަކުރައްވާ ކަންކަން ހައްލު ކުރުމަށް މަސައްކަތް ދިވެހި ސަރުކާރުން ކުރައްވާނެކަމުގެ ޔަގީންކަން އޭނާއަށް އެރުވިއެވެ. މި ރިޕޯޓު ހުށަހަޅާނީ 2021 ވަނަ އަހަރު، އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 46 ވަނަ ސެޝަންއަށެވެ.
ސްޓޭޓް މިނިސްޓަރ ޚަލީލް އާއި ސްޕެޝަލް ރެޕަޓުއަރ މިއަދު ބޭއްވެވި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރގެ އަރިހުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުއާއި، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިސަލްގެ އިތުރުން މިނިސްޓްރީގެ ޑިރެކްޓަރ މަރިޔަމް ރީޝާ ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް